Last Updated: April 25, 08:39
Thursday, April 25, 2024
ޚަބަރު

ޕްރައިމަރީ ޓީޗަރުން ތަމްރީނުކުރަން 15 ސްކޮލާޝިޕް

ޓީޗަރުންގެ ކޮންފަރެންސްގެ ތެރެއިން - ފޮޓޯ: މިހާރު

ފަށާ ތައުލީމުގެ މުދައްރިސުން ތަމްރީން ކުރުމަށް އެޑިޔުކޭޝަން ޑިވެލޮޕްމެންޓް ފަންޑުން ހަރަދުކުރާ ގޮތަށް 15 ސްކޮލަޝިޕްގެ ފުރުސަތު މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ހުޅުވާލައިފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ މި ސްކޮލަޝިޕްއަށް ހޮވޭ މުދައްރިސުން ތަމްރީން ކުރާނީ ޤައުމީ ޔުނިވަރސިޓީން، މި ވަގުތަށް ޤައުމަށް ބޭނުންވާ މީހުން ބިނާކުރުމަށް ކުރިއަށްގެންދަވާ ޚާއްސަ ސްކޮލަރޝިޕް ޕްރޮގްރާމްގެ ދަށުންކަމަށެވެ.

މި ސްކޮލަރޝިޕާއެކު ދެވޭ އިނާޔަތްތަކުގެ ތެރޭގައި އެލަވަންސްއެއްގެ ގޮތުގައި މަހަކު 5000 ރުފިޔާއާއި، ފޮތާއި އެހެނިހެން ތަކެތި ގަތުމަށް ކޮންމެ ސެމިސްޓަރއެއްގައި 5000 ރުފިޔާއާއި، ސްކޮލަރޝިޕް ލިބޭ ފުރަތަމަ މަހު އެސްޓެބްލިޝްމަންޓް ގްރާންޓްއެއްގެ ގޮތުގައި ދެވޭ 5000 ރުފިޔާ ހިމެނެއެވެ.

އެ ސްކޮލަޝިޕަށް ހޮވޭ ފަރާތްތަކުގެ އެކޮމޮޑޭޝަން ގައުމީ ޔުނިވާސިޓީގެ ދަނާލުން ހަމަޖެހިގެންދާނެ ކަމަށް މިނިސްޓްރީން ބުނެއެވެ.

މި ސްކޮލަރޝިޕަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތަކުގެ ތެރޭގައި، ހަފްތާއަކު 20 ގަޑިއިރަށްވުރެ ގިނައިރު އުޅެންޖެހޭ އެއްވެސް ވަޒީފާއެއް އަދާ ނުކުރުން ހިމެނެއެވެ. މީގެ ބޭނުމަކީ މި ސްކޮލަރޝިޕްގައި ކިޔަވާ ދަރިވަރުން އުނގެނުމަށް ހޭދަކުރާ ވަގުތު އިތުރުކޮށް، ފެންވަރު ރަނގަޅު ޓީޗަރުން އުފެއްދުންކަމަށް އެޑިއުކޭޝަން މިނިސްޓްރީން ހާމަކުރެއެވެ.

މި ސްކޮލަރޝިޕްތައް އަމާޒުކޮށްފައިވަނީ ޕްރައިމަރީ ޓީޗަރުން މަދު 60 ރަށަކަށެވެ. މި ޕްރޮގްރާމްގެ ދަށުން ޖުމްލަ 30 މުދައްރިސުން ތަމްރީން ކުރެވޭނެއެވެ. އެޑިޔުކޭޝަން ޑިވެލޮޕްމެންޓް ފަންޑުން ޚަރަދުކުރާ 15 ސްކޮލަރޝިޕްގެ އިތުރުން ޤައުމީ ޔުނިވަރސިޓީއިންވެސް 15 ފަރާތަކަށް ސްކޮލަރޝިޕް ދިނުމަށްވަނީ ހަމަޖެހިފައެވެ.

މި ސްކޮލަރޝިޕްތަކަށް ކުރިމަތިލުމުގެ ފުރުސަތު އެޑިއުކޭޝަން މިނިސްޓްރީން މިހާރުވަނީ ހުޅުވާލާފައެވެ.