Last Updated: April 25, 22:42
Thursday, April 25, 2024
ޚަބަރު

އިންތިހާބު އަވަސްކުރުމާ ގުޅޭ ބިލުގެ ފުރަތަމަ ކިޔުން އިއްވައިފި

ލޯކަލް ކައުންސިލް އިންތިޚާބު އަވަހަށް ބޭއްވުމަށްޓަކައި އިންތިޚާބާ ބެހޭ ހާއްސަ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ ފުރަތަމަ ކިޔުން މިރޭ އިއްވައިފިއެވެ.

މި ބިލުގެ ފުރަތަމަ ކިޔުން އިއްވާފައިވަނީ ދައުރުން ބޭރުގައި މިރޭ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ހާއްސަ ޖަލްސާގައެވެ.

އިންތިހާބާ ބެހޭ ހާއްސަ ގާނޫނަށް މި އިސްލާހު ހުށަހަޅުއްވާފައިވަނީ ސަރުކާރުގެ ފަރާތުން ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒެވެ. މިއީ ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ އިންތިޚާބު ބޭއްވޭނެ ގޮތަށް ޤާނޫނަށް ހުށަހަޅުއްވާފައިވާ އިސްލާހެކެވެ.

މިރޭގެ ޖަލްސާގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވިދާޅުވީ ބިލުގެ ފުރަތަމަ ކިޔުން މިރޭ އިއްވުމަށްފަހު ބިލުގެ އިބްތިދާއީ ބަހުސް މަރުހަލާ ފެށުމުގެ ގޮތުން މި މަހުގެ 17 ވަނަ ދުވަހު ޖަލްސާއެއް ބާއްވާނެ ކަމަށެވެ. އެ ޖަލްސާގައި ބަހުސް ކުރައްވަން ބޭނުންފުޅުވާ ހުރިހާ މެމްބަރުންނަށް ފުރުސަތު ދެއްވާނެ ކަމަށް އީވާ ވިދާޅުވިއެވެ.

އެއަށްފަހު ދެން ބިލު އިތުރަށް ދިރާސާ ކުރުމަށް ކޮމިޓީ އަށް ފޮނުވާނެ ކަމަށް އީވާ ވިދާޅުވިއެވެ.

ނިޔާޒުގެ އިސްލާހުގައިވާ ގޮތުން ގާނޫނު އިސްލާހުކުރާތާ ހަތް ދުވަހުގެ ތެރޭގައި އިންތިހާބު ބޭއްވުމުގެ މަސައްކަތް އީސީން ފަށަންޖެހޭނެއެވެ. ނަމަވެސް ސިއްހީ ކުއްލި ހާލަތު ދެމި އޮވެއްޖެނަމަ، އީސީން އިންތިހާބު ބޭއްވުމުގެ މަސައްކަތް ފަށަން ވާނީ ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު ކަނޑައަޅާ އިރުޝާދުތަކުގެ މަތީން ކަމަށް ބަޔާންކޮށްފައިވެއެވެ.

އިލެކްޝަންސް ކޮމިޝަނުން ކުރިން ނިންމީ މިދިޔަ އޭޕްރީލް މަހުގެ ތެރޭގައި ކައުންސިލް އިންތިޚާބު ބޭއްވުމަށެވެ. ނަމަވެސް ކޮވިޑާ ގުޅިގެން އިއުލާންކުރި ސިއްހީ ކުއްލި ނުރައްކަލުގެ ޙާލަތާ ގުޅިގެން އެ އިންތިހާބު ވަނީ މިއަހަރަށް ފަސްކޮށްފަ އެވެ.

އަދި އިންތިޚާބާބެހޭ ޚާއްސަ ޤާނޫނެއް އެކުލަވާލައި އައު އިންތިޚާބެއް ބާއްވައި ހުވާކުރުމާ ހަމައަށް މިހާރު ތިބި ކައުންސިލަރުން ތިބޭގޮތަށް ޤާނޫނަށްވަނީ ބަދަލު ގެނެސްފައެވެ. އެ ގާނޫނު ބުނާ ގޮތުން، އެ ބިލު ތަސްދީގު ކުރައްވާތާ އަހަރެއްގެ ތެރޭގައި އިންތިހާބު ބާއްވަން ޖެހޭނެއެވެ. އެއީ މިއަހަރުގެ މެއި މަހުގެ ނުވަވަނަ ދުވަހުގެ ކުރިންނެވެ.

ހާއްސަ ގާނޫނު ތަސްދީގު ކުރެއްވުމުން އީސީން މަސައްކަތް ކުރަމުން އައީ މިއަހަރުގެ މާޗު މަހުގެ ހަ ވަނަ ދުވަހު އިންތިހާބު ބޭއްވުމަށެވެ. ނަމަވެސް ކުއްލި ނުރައްކަލުގެ ހާލަތު އަންނަ މަހުގެ ތިން ވަނަ ދުވަހަށް އިތުރު ކުރުމުން އެ މުއްދަތުގައި އިންތިހާބު ނުބޭއްވޭނެ ކަމަށް އީސީން ވަނީ ބުނެފައެވެ.