Last Updated: April 25, 22:42
Thursday, April 25, 2024
ވިޔަފާރި

ކޮންޓްރެކްޓަރުންނަށް އުސޫލާއި އެއްގޮތަށް ފައިސާ ދޫކުރަން: ފެނަކަ

ފެނަކަ ކޯޕަރޭޝަނުގެ އެއްވެސް މަޝްރޫޢެއްގެ ކޮންޓްރެކްޓަރަކަށް ހަމަޖެހިފައިވާ އުސޫލުން ފައިސާ ދޫނުކޮށް ނޯންނާނެކަމަށް އެ ކުންފުނިން ބުނެފިއެވެ.

ފެނަކަ އިން މިހެން ބުނީ އެ ކުންފުނިން ހިންގާ މަޝްރޫޢުތައް ކުރިއަށް ގެންދިޔުމަށް ތިބި ކޮންޓްރެކްޓަރުންނަށް އެމީހުން ކުރި މަސައްކަތުގެ ފައިސާ ނުދީ ހިފަހައްޓާފައިވާ ކަމަށް ބަޔާންކޮށް 13 ޖެނުއަރީ ގައި އޮންލައިން ނޫސް "ދިޔަރެސް" ގައި ޝާޢިއު ކޮށްފައިވާ ޚަބަރަކާއި ގުޅިގެން ނެރުނު ބަޔާނެއްގައެވެ.

ފެނަކަ އިން ބުނީ ހަމަހަމަ ކަމާއި ޒިންމާދާރު ކަމާއިއެކު ކުރެވޭ ނޫސްވެރިކަމެއްގައި، ފެނަކަ ކޯޕަރޭޝަންގެ ބަހެއް ހޯދުމަކާއި ނުލައި "ދިޔަރެސް" ގައި ޝާޢިއު ކުރުމަކީ ޒިންމާދާރު ނޫސްވެރިކަމެއް ކުރުމުގައި ވަކި ފަރާތަކަށް ބުރަވެ، ސިޔާސީ ގޮތުން ފެނަކަ ކޯޕަރޭޝަނާއި މެދު ޢާއްމުންގެ މެދުގައި ޝައްކާއި ވަހުމް އުފެއްދުމުގެ އިތުރުން ކުންފުނީގެ ނަން ކިލަނބު ކުރުމަށް ކުރި ނާތަހުޒީބު ފިނޑި ޢަމަލެއް ކަމަށެވެ.

އަދި އެ ކުންފުނީގެ ފަރާތުން ހިންގާ މަޝްރޫޢު ތަކުގައި، ކުންފުންޏާއިއެކު ވެވޭ އެއްބަސްވުމަކާއި ގުޅިގެން ކުރެވޭ މަސައްކަތްތަކެއްގައި، އެފަރާތަކަށް ލިބިދޭންޖެހޭ ފައިސާ އެއްބަސްވުމުގެ ރޫޙާއި އެއް ގޮތްވާގޮތުގެ މަތީން ޢަމަލު ކުރަމުންދާ ކޮންމެ ކޮންޓްރެކްޓަރަކަށް ވެސް އޮންނަ އުޞޫލާއި ހަމަތަކުގެ ތެރެއިން ފައިސާ ދޫކުރަމުންދާ ކަމަށް ފެނަކަ އިން ބުނެއެވެ.

ފެނަކަ އިން ބުނީ އިޚްލާޞްތެރިކަމާއި ތެދުވެރިކާމާއި އަމާނާތްތެރިކަމާއެކު ރައްޔިތުންނަށް ދެމުންދާ އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި އެންމެ ހިނދުކޮޅަކަށް ވެސް ފަސްޖެހުމަކާއި ނުލާ ޚިދުމަތުގެ މައިދާނުގައި އެކުންފުނިން މަސައްކަތް ކުރާނެ ކަމުގެ ޔަޤީންކަން ރައްޔިތުންނަށް އަރުވާ ކަމަށެވެ.