Last Updated: March 28, 18:00
Thursday, March 28, 2024
ޚަބަރު

އުމުރަަށް ޖަލުގައި ބޭއްވިޔަސް ސަރުކާރަށް ބޯނުލަބާނަން: ޔާމީން

ކުރީގެ ރައީސް އަބްދުﷲ ޔާމީން - ފޮޓޯ: އަވަސް

އުމުރު ދުވަހަށް ޖަލުގައި ބޭއްވިޔަސް މި ސަރުކާރަށް ބޯނުލަބާނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

ޔާމީން މިހެން ވިދާޅުވިކަން ހާމަކުރެއްވީ އިދިކޮޅު ކޯލިޝަން ހިންގެވުމާ މިވަގުތު ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) އެވެ.

ރޭ ބޭއްވި ޖަލްސާއެއްގައި ވާހަކަދައްކަވަމުން އަދުރޭ ވިދާޅުވީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާ ދިމާކޮށް އިދިކޮޅު ކޯލިޝަނަށް ބިރު ދެއްކުމުގެ މަސައްކަތް ސަރުކާރުން ފަށާފައިވާ ކަމަށާއި އެގޮތުން ތަފާތު އެކި ތުހުމަތުތައްކޮށް ފުލުސް އޮފީހަށް ހާޒިރުކުރަން ފަށާފައިވާ ކަމަށެވެ.

ނަމަވެސް އިދިކޮޅު ލީޑަޝިޕްގައި ތިއްބެވީ އެހެން ދައްކާ ބިރަކަށް ސިހޭނެ ބައެއް ނޫން ކަމަށާއި އެގޮތުން އެ ބޭފުޅުން ތަރުބިއްޔަތުވީ ޔާމީންގެ އަރިހުން ކަމަށް އަދުރޭ ވިދާޅުވިއެވެ. އަދި އަހަރުތަކެއް ވަންދެން ޖަލުގައި ބޭއްވުމުން ބުނާހާ ގޮތަކަށް ޔާމީން ހައްދަވާނެ ކަމަށް ސަރުކާރަށް ހީވުމަކީ ވަރަށް ބޮޑު ކުށް ހީއެއް ކަމަށްވެސް އަދުރޭ ވިދާޅުވިއެވެ.

"މިއަދުވެސް ވިދާޅުވީ ކީކޭތޯ، އުމުރަށް މިތާ ބޭއްވިޔަސް މި ސަރުކާރަށް ބޯނުލަބާނަމޭ. މި ސަރުކާރު ކުރިމަތީގައި ކުޑަކަކުލެއް ނުޖައްސަވާނަމޭ. ތިމަންނަ ގުރުބާން ނުކުރާނެ ކަންތައްތަކަކީ މާތްވެގެންވާ އިސްލާމްދީން ފިޔަވައި އެހެން ދީނެއް ގެންނާކަށް އެއްބަހެއް ނުވާނަމޭ. ރާއްޖޭގެ މިނިވަންކަން ގެއްލިގެންދާނެ ކަމަކަށް ތާއީދެއް ނުކުރައްވާނަމޭ. އުމުރު ދުވަހު ޖަލުގައި އޮންނަވަން ޖެހުނަސް މިއީ ތިމަން މަނިކުފާނު ދޫނުކުރައްވާނެ ކަންތައްތަކޭ" ޔާމީންއާ ހަވާލާދީ އަދުރޭ ވިދާޅުވިއެވެ.

އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލައިގައި މަނީ ލޯންޑަރިންގެ ދައުވާގެ ކުށް ސާބިތުވެ ޔާމީން ގެންދަވަނީ ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ. އަދި ޔާމީންގެ މައްޗަށް ދައުލަތުން މިހާރު ވަނީ އިތުރު އާ ދެ ދައުވާއެއް އުފުލާފައެވެ.

އެގޮތުން ޔާމީންގެ މައްޗަށް ދައުލަތުން އެންމެފަހުން އުފުލީ މަނީ ލޯންޑަރިން ކުށުގެ ދައުވާ އާއި ރިޝްވަތު ގަބޫލު ކުރުމުގެ ދައުވާ އެވެ. މި ދެ ދައުވާގެ ޝަރީއަތް ވެސް ކްރިމިނަލް ކޯޓުގައި މިހާރު ވަނީ ފަށާފައެވެ.