Last Updated: April 25, 12:03
Thursday, April 25, 2024
ޚަބަރު

ރާއްޖޭގެ އިގްތިސާދު އަލުން ދިރުވަން ޗައިނާގެ ކުންފުނިތަކުން އެހީވާނެ

ރާއްޖޭގެ އިގްތިސާދު އަލުން ދިރުވަން ޗައިނާގެ ކުންފުނިތަކުން އެހީތެރިވާނެ ކަމަށް ޗައިނާ އިން ރާއްޖެ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ޖަންގް ލީ ޖޮންގް ވިދާޅުވެއްޖެއެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި ހިނގަމުންދާ ތަރައްގީގެ މަޝްރޫއުތައް ބައްލަވާލެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިއްޔެ ކުރެއްވި ޒިޔާރަތުގައި ސަފީރު ވަނީ ބައިވެރިވެވަޑައިގެންފައެވެ.

ސަފީރު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އުނދަގޫ ވަގުތުގައި ވެސް ޗައިނާގެ ބީޔޫސީޖީ އާ އެ ގައުމަށް ނިސްބަތްވާ އެހެން ކުންފުނިތަކުންވެސް ރާއްޖޭގައި މަސައްކަތް ފަށާފައިވާ ކަމަށާއި މި މަސައްކަތްތައް ފެށުނީ ރާއްޖޭގެ ވެސް އެއްބާރުލުމާއެކު ކަމަށެވެ.

އަދި މި މަސައްކަތްތައް ފެށިގެންދިޔުމަކީ ރާއްޖޭގެ އިގްތިސާދު އަލުން ކޮޅަށް ޖެހުމަށް ދެވޭ އެހީއަކަށް ވާނެ ކަމަށްވެސް ސަފީރު ވިދާޅުވިއެވެ.

ވީ.އައި.އޭ. ތަރައްޤީކުރުމުގެ މަސައްކަތް ބާރަށް ކުރިއަށްދާއިރު، އެ މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ ފިއުލް ފާމްގެ ގިނަ މަސައްކަތްތައް ވަނީ ނިމުމަކާ ގާތްވެފައެވެ. މި މަޝްރޫޢުގެ މަސައްކަތް ނިމޭއިރު މަތިންދާބޯޓަށް އަޅާ ތެޔޮ (ޖެޓް އޭވަން) އެއަރޕޯޓުގައި ރައްކާކުރެވޭ މިންވަރު މިހާރު ހުރި 15 މިލިޔަން ލީޓަރުން 45 މިލިޔަން ލީޓަރަށް އިތުރުކުރެވިގެންދާނެއެވެ.

މީގެ އިތުރުން، ޕެޓްރޯލް ރައްކާކުރެވޭ މިންވަރު 100 ހާސް ލީޓަރަށް އިތުރު ކުރެވި، ޑީސަލް ރައްކާކުރެވޭ މިންވަރު 1 މިލިޔަން ލީޓަރަށް އިތުރުކުރެވިގެންދާނެއެވެ. ހަމައެއާއެކު، ފިއުލްބައުޒަރުތައް ބޭނުންކުރުމުގެ ބަދަލުގައި ފިއުލް ހައިޑްރަންޓް ބޭނުންކޮށްގެން ފަސޭހައިން މަތިންދާބޯޓަށް ތެޔޮ އެޅޭނެ އިންތިޒާމު ވެސް ހަމަޖެހިގެންދާނެއެވެ.

‎އެއަރޕޯޓްގެ އޭޕްރަން ތަރައްޤީކުރުމުގެ މަސައްކަތުގެ ތެރެއިން އަލަށް އިތުރުކުރި އޭޕްރަންގެ މަސައްކަތް ނިމި މިހާރު ބޭނުންކުރަމުންދާއިރު، މިހާރު ކުރިއަށްދަނީ ކުރީގެ އޭޕްރަން އައުކުރުމުގެ މަސައްކަތެވެ. އޭޕްރަންތައް ތަރައްޤީކުރުމުގެ މަޝްރޫޢު ފެށުމުގެ ކުރިން އޭޕްރަންގައި ޕާކިން ސްޕޭސްގެ ގޮތުގައި ބޭނުންކުރަމުންދިޔައީ 86،000 އަކަމީޓަރުގެ ސަރަޙައްދެކެވެ. ނަމަވެސް މި މަޝްރޫޢުގެ މަސައްކަތްތައް މުޅިން ނިމޭއިރު އެއަރޕޯޓްގައި މަތިންދާބޯޑު ޕާކުކުރެވޭ ޖާގަ 212،000 އަކަމީޓަރަށް އިތުރުވެގެންދާނެއެވެ.

ވީ.އައި.އޭ. ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން ވީ.އައި.ޕީ. އަދި ސީ.އައި.ޕީ.ގެ ޖާގަ ވެސް އެތައް ގުނައެއް އިތުރުވެގެންދާނެއެވެ. އަދި މިހާރުގެ ޕަސެންޖަރ ޓަރމިނަލް އަކީ 26،000 އަކަމީޓަރުގެ ޖާގައިގެ ތަނެއް ނަމަވެސް، މުޅި ޓަރމިނަލްގެ މަސައްކަތް ނިމުމުން އެ ތަނުގެ ޖާގަ 78،000 އަކަމީޓަރަށް އިތުރުވެގެންދާނެއެވެ.

މީގެ އިތުރުން ވީ.އައި.އޭ.ގެ އައު ސީޕްލޭން ޓަރމިނަލްގެ މަސައްކަތްތަކުގެ 99 އިންސައްތަ މިހާރު ވަނީ ނިމިފައެވެ. އެ ތަނަށް ސީޕްލޭންގެ އޮޕަރޭޝަންތައް ބަދަލުކުރެވުމުން ސީޕްލޭން އޮޕަރޭޝަނަށް ލުއިފަސޭހަކަން ލިބުމުގެ އިތުރުން ވެލާނާ އެއަރޕޯޓްގެ މައި ރަންވޭ ބޭނުންކުރަން ފެށި، މުޅި އެއަރޕޯޓްގެ އޮޕަރޭޝަން އިތުރަށް ފުރިހަމަވެގެން ދާނެއެވެ. ވީ.އައި.އޭ. ތަރައްޤީކުރުމުގެ މަޝްރޫޢަކީ ގާތްގަޑަކަށް 1.2 ބިލިޔަން އެމެރިކާ ޑޮލަރުގެ އަގުބޮޑު މަޝްރޫޢެކެވެ.