Last Updated: April 24, 12:21
Wednesday, April 24, 2024
ޚަބަރު

އެމްޑީޕީގެ ކެންޑިޑޭޓުން މިސާލަކަށް ބަލަންވީ މުއިއްޒު: ޝިޔާމް

އަހުމަދު ޝިޔާމް - ފޮޓޯ: މަޖިލިސް

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަކުރާ އެމްޑީޕީގެ ކެންޑިޑޭޓުން މިސާލަކަށް ބަލަންވީ ކުރީގެ ހައުސިން މިނިސްޓަރު ޑރ.މުހައްމަދު މުއިއްޒު ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ޝިޔާމް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމްޑީޕީ އަކީ ހޮޅުއަށީގައި ވާހަކަ ދައްކަން ވަރަށް މޮޅު ޕާޓީއެއް ކަމަށާއި ކަންކަން ތަންފީޒު ކުރަންވުމުން ނިކަން ފަހަތު ފަޔަށް ބަރުވާނެ ކަމަށެވެ.

"އަތްލެވޭ ތަރައްގީ އަކީ އެމްޑީޕީ ދަންނަ އެއްޗެއް ނޫން. އެމްޑީޕީގެ ކެންޑިޑޭޓުން މިސާލަކަށް ބަލަންވީ މާލޭ ސިޓީގެ މޭޔަރު ކަމަށް ޕީޕީއެމްގެ ޓިކެޓުގައި ވާދަކުރައްވާ ޑރ.މުއިއްޒު" ޝިޔާމް ވިދާޅުވިއެވެ.

ކައުންސިލް އިންތިހާބުގައި ޕީޕީއެމްގެ ފަރާތުން މުއިއްޒު ވާދަކުރެއްވުމަށް ނިންމާފައިވާއިރު މުއިއްޒުގެ މައްޗަށް މިދިޔަ ޖޫން މަހުގެ ތެރޭގައި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ވަނީ ދޮގު ބަޔާން ދިނުމުގެ ދައުވާ އުފުލާފައެވެ.

ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ބުނީ އެ ދައުވާ މުއިއްޒުގެ މައްޗަށް އުފުލާފައިވަނީ 2019 ވަނަ އަހަރުގެ ޖޫން މަހުގެ 25 ވަނަ ދުވަހު ނޫމަޑި ރިސޯޓްސް އެންޑް ރެސިޑެންސަން އޭޖީ ނަމަކަށް ކިޔާ ކުންފުންޏަކުން (ނޫމަޑި) އިން ދިވެހި ސަރުކާރާ ދެކޮޅަށް ނެދަލޭންޑްސްގެ ދަހޭގްގައި ހުންނަ ޕާމަނަންޓް ކޯޓް އޮފް އާބިޓްރޭޝަންއަށް ހުށަހަޅާފައިވާ މައްސަލާގައި އެކުންފުނީގެ ހެކިވެރިއަކަށްވެ ދޮގު ބަޔާން ދޮގު ބަޔާނެއް ދެއްވާފައިވާތީ ކަމަށެވެ.

އެގޮތުން ހައުސިންގ ޔުނިޓް މަޝްރޫއާ ގުޅިގެން ނޫމަޑިއާއެކު ދިވެހި ސަރުކާރުން 2011 ވަނަ އަހަރު ވެފައިވާ ފޭސް 1 ގެ އެއްބަސްވުމާއި 2013 ގައި ވެފައިވާ ފޭސް 2 ގެ އެއްބަސްވުމުގެ މަސައްކަތް އެކުންފުނިން ޝެޑިއުލްއާ އެއްގޮތަށް ލަސްތަކެއްނުވެ ކުރަމުން ގެންދިޔަކަމަށް ބުނެ، އަދި ނޫމަޑިއަށް ލަގްޒަރީ ވިލާ އެޅުމަށް ދިވެހި ސަރުކާރުން ދޫކޮށްފައިވާ ޅ. ދިއްފުށިމާދޫ ސަރުކާރުގެ ބޭނުމަށް ނެގުމުގެ މަޝްވަރާގައި ބައިވެރިވެފައިނުވާކަމަށް ބުނެ، މުއިއްޒު ދޮގު ބަޔާނެއް ދެއްވާފައިވާ ކަމަށްވެސް ޕީޖީ އޮފީހުން ބުނެއެވެ.