Last Updated: March 29, 02:52
Thursday, March 28, 2024
ޚަބަރު

ޔާމީން ޖަލަށްލި މައްސަލައިގެ ހުކުމް މާދަމާ އިއްވަނީ

ކުރީގެ ރައީސް އަބްދުﷲ ޔާމީން، މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ ފަސް އަހަރު ދުވަހަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމުގެ އިސްތިއުނާފް މައްސަލައިގެ ހުކުމް މާދަމާ އިއްވުމަށް ހައިކޯޓުގައި ތާވަލުކޮށްފިއެވެ.

މި މައްސަލައިގެ ހުކުމް އިއްވާނީ މާދަމާ މެންދުރު 14:15 ގައި ބާއްވާ ޝަރީއަތުގެ އަޑުއެހުމުގައެވެ.

ޔާމީން 5 އަހަރަށް ޖަލަށް ލުމަށާއި 5 މިލިއަން ޑޮލަރުން ޖޫރިމަނާ ކުރަން ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައިވަނީ މިދިއަ އަހަރުގެ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހު އެވެ. އެ މައްސަލައިގެ އިސްތިއުނާފް ޝަރީއަތް މިދިޔަ ސެޕްޓެމްބަރު މަހު ވަނީ ނިންމާލާފައެވެ.

ޔާމީންގެ އިސްތިއުނާފު މައްސަލައިގެ ހުކުމް މި މަހުގެ 21 އަށް ތާވަލްކޮށްފައިވާއިރު ޔާމީންގެ މައްޗަށް އިތުރު ދެ ދައުވާ އަށް މިހާރު ވަނީ އުފުލާފައެވެ.

ޔާމީންގެ މައްޗަށް އިތުރު ދެ ދައުވާއެއް އުފުލީ ޓޫރިޒަމް މިނިސްޓްރީ އާއި އެމްއެމްޕީއާރްސީ މެދުވެރިކޮށް ޓޫރިސްޓު ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރުމަށްޓަކައި ރ.ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާއި ގުޅިގެން، މަގާމުގެ ނުފޫޒު ބޭނުންކޮށްގެން، އަހުމަދު ކްރިކް ރިޟާ ނަމަކަށް ކިޔާ މީހެއް މެދުވެރިކޮށް ރިޝްވަތުގެ ގޮތުގައި 1،117،000 ޑޮލަރު ހޯދައި، ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑާއި ސަން އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް ބޭނުންކޮށްގެން އެ ފައިސާ ލޯންޑަރ ކުރުމަށްޓަކައި ފަށަލަކޮށްފައިވާ މައްސަލައާ ގުޅިގެން ކަމަށެވެ.