Last Updated: April 25, 20:50
Thursday, April 25, 2024
ވިޔަފާރި

އެމްޑަބްލިއުއެސްސީގެ އާ ލޯގޯ އިފްތިތާހުކޮށްފި

އެމްޑަބްލިއުއެސްސީއަށް 25 އަހަރު ފުރުމުގެ މުނާސަބަތުގައި އާ ލޯގޯއެއް އިފްތިތާހުކޮށްފި އެވެ.

މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ފެން ކުންފުނީގެ އާ ލޯގޯ އިފްތިތާހުކޮށްދެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހެވެ.

ލޯގޯ އިފްތިތާހު ކޮށްދެއްވުމަށް ފަހު ޝާހު ވިދާޅުވީ ކުންފުންޏަށް 25 އަހަރު ފުރުމާ ގުޅިގެން މިއަދު ކުންފުނީގެ ލޯގޯއަށް ގެނައި ބަދަލަކީ ކުންފުންޏަށް އައިސްފައިވާ ހެޔޮ ބަދަލާއި ޒަމާނީ ކުރިއެރުންތަކަށް ޒަމާނީ ކުލަ ޖެހިގެން އައި ގޮތް ރަމްޒުކޮށްދޭ ލޯގޯއެއް ކަމަށެވެ.

މީގެއިތުރުން މިއަދުގެ މުނާސަބަތުގައި އެމްޑަބްލިއުއެސްސީން ވަނީ އެ ކުންފުނީގެ ދިގު ތާރީޚުގެ މައްޗަށް ބިނާކޮށް އެކުލަވައިލާ، ޝާއިޢުކޮށްފައިވާ ފޮތެއް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ހަދިޔާކުރައްވާފައެވެ. މި ފޮތް ރައީސށް ހަދިޔާކޮށްދެއްވީ އެމްޑީ ޝާހުއެވެ.

މި ފޮތުގައި އެ ކުންފުނީގެ 25 އަހަރުގެ ދިގު ތާރީޚުގައި ޙާޞިލްކޮށްފައިވާ ފާހަގަކޮށްލެވޭ ލަނޑުދަނޑިތަކުގެ ތަފްޞީލުތައް ހިމަނާފައިވެއެވެ.

އަދި 1902 ވަނަ އަހަރުން ފެށިގެން މާލޭގެ ފެނާއި ފާޚާނާކުރުމުގެ ނިޒާމުގެ ހާލަތު އެކި ދުވަސްވަރުގެ މަތިން ބަދަލުވަމުން އައިސްފައިވާ ގޮތުގެ މުހިންމު މަޢުލޫމާތާއި، ފެނާއި ނަޖިހުގެ ހާލަތާމެދު މާލޭގައި އެންމެ ފުރަތަމަ ކުރެވުނު ޢިލްމީ ދިރާސާ ރިޕޯޓުން ފެށިގެން އެކި ދައުރުތަކުގައި މާލޭގެ ރައްޔިތުންނަށް ރައްކާތެރި ބޯފެން ފޯރުކޮށްދިނުމަށް ކުރެވިފައިވާ މުހިންމު މަސައްކަތްތަކުގެ މަޢުލޫމާތު މި ފޮތުގައި ހިމަނާފައިވެއެވެ.