Last Updated: April 24, 12:56
Wednesday, April 24, 2024
ޚަބަރު

މުޅި އާބާދީއަށް ވެކްސިންދޭ ފުރަތަމަ ގައުމަކަށް ރާއްޖެ ވުން ގާތް

މުޅި އާބާދީ އަށް ކޮވިޑް-19 ގެ ވެކްސިންދޭ ފުރަތަމަ ގައުމަކަށް ރާއްޖެ ވުން ގާތް ކަމަށް ހެލްތް މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ނަސީމް މިހެން ވިދާޅުވީ އިންޑިއާ އިން މިއަދު ރާއްޖެ ގެނައި ކޮވިޑް ވެކްސިންގެ ފުރަތަމަ ޝިޕްމެންޓް ގެނައުމާ ގުޅިގެން ބޭއްވި ރަސްމިއްޔާތުގައެވެ.

މިއަދު ރާއްޖެ ގެނެސްފައިވަނީ އޮކްސްފޯރޑް އަދި އެސްޓްރަޒެނެކާއިން ލައިސެންސްދީގެން، ސީރަމް އިންސްޓިޓިއުޓް އޮފް އިންޑިއާއިން ހަދާފައިވާ ކޮވިޝީލްޑް ވެކްސިނެވެ.

އެގޮތުން މިނިސްޓަރު ވިދާޅުވީ މިއަދު ކޮވިޝީލްޑް ވެކްސިންގެ އިތުރުން ވެސް އިތުރު ބައެއް ވެކްސިން ރާއްޖެ ގެނައުމަށް ހަމަޖެހިފައިވާ ކަމަށާއި އެގޮތުން ކޮވިޑް ވެކްސިން ހޯދުމަށްޓަކައި އެސްޓްރަޒެނެކާ ސިންގަޕޫރު ކުންފުންޏާއި އެކު މިހާރު އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ކަމަށެވެ.

އަދި އެ ވެކްސިން ވަރަށް އަވަހަށް ރާއްޖެ އަށް ފޯރުކޮށްދޭނެ ކަމަށް އެ ކުންފުނިން ބުނެފައިވާ ކަމަށާއި އެއާއެކު ރާއްޖޭގެ މުޅި އާބާދީ އަށް ވެކްސިން ފޯރުކޮށްދިނުމަށް މަގުފަހިވެގެންދާނެ ކަމަށްވެސް މިނިސްޓަރު ނަސީމް ވިދާޅުވިއެވެ.

"ފަހަރުގައި ރާއްޖެ އަކީ މުޅި ދުނިޔެ އިން ވެސް މުޅި އާބާދީ އަށް ވެކްސިން ފޯރުކޮށްދޭ ފުރަތަމަ ގައުމަށް ވުން ގާތް" ނަސީމް ވިދާޅުވިއެވެ.

އިންޑިއާ އިން މިއަދު ރާއްޖެ އަށް ވެކްސިންގެ ފުރަތަމަ ޝިޕްމެންޓް ގެނެސްފައިވާއިރު، ރާއްޖެ އަކީ އިންޑިއާ އިން ވެކްސިން ފޯރުކޮށްދިން ފުރަތަމަ ގައުމެވެ. ރާއްޖޭގެ އިތުރުން މި ސަރަހައްދުގެ އެހެން ގައުމުތަކަށް ވެސް ވެކްސިން ފޯރުކޮށްދިނުމަށް އިންޑިއާ އިން ވަނީ ނިންމާފައެވެ.

މިއަދު ރާއްޖެ ގެނެސްފައިވަނީ ވެކްސިންގެ އެއްލައްކަ ޑޯޒެވެ. މިއީ ހިލޭ ރާއްޖެ އަށް ލިބުނު ވެކްސިން ކަމަށްވާއިރު މި ވެކްސިން 50،000 މީހުންނަށް ދިނުމަށް އަންނަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން ވެެކްސިން އެންމެ ފުރަތަމަ ދިނުމަށް ހަމަޖެހިފައިވަނީ ސިއްހީ ހިދުމަތްތެރިންނާއި ސޯޝަލް ވޯކަރުންނަށެވެ.