Last Updated: April 19, 22:45
Friday, April 19, 2024
ޚަބަރު

ބައިޑެންއާ ގުޅިގެން މަސައްކަތް ކުރުމަށް އުއްމީދު ކުރަން: ރައީސް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް-- ފޮޓޯ: ރައީސް އޮފީސް

އެމެރިކާގެ ރައީސް ކަމުގެ ކުރައްވައި އެ މަގާމާ މިއަދު ހަވާލުވެވަޑައިގެންނެވި ޖޯ ބައިޑެންގެ ވެރިކަމުގައި އެމެރިކާ އާއި ރާއްޖެ ގުޅިގެން އިތުރަށް މަސައްކަތް ކުރުމަށް އުއްމީދު ކުރައްވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހު މިހެން ވިދާޅުވީ އެމެރިކާގެ ރައީސް ކަމުގެ ހުވާ ބައިޑެން އަދި ނައިބު ރައީސްކަމުގެ ހުވާ ކަމަލާ ހެރިސް ކުރެއްވުމާއި ގުޅިގެން މަރުހަބާ ވިދާޅުވެ ކުރެއްވި ޓްވީޓެއްގައެވެ.

އެގޮތުން ރައީސް ސޯލިހު ވިދާޅުވީ އެމެރިކާ އާއި ރާއްޖެ އަކީ ގާތް އެކުވެރި ދެ ގައުމު ކަމަށާއި ބައިޑެންގެ ވެރިކަމުގައި ގުޅިގެން މަސައްކަތްކޮށް އެ ގުޅުން އިތުރަށް ވަރުގަދަ ކުރުމަށް މަސައްކަތް ކުރައްވަން އުއްމީދު ކުރައްވާ ކަމަށެވެ.

އުމުރުފުޅުން 78 އަހަރުގެ ބައިޑެން އަކީ އެމެރިކާގެ ރައީސްކަމުގެ މަގާމާއި ހަވާލުވެވަޑައިގެންނެވި 46 ވަނަ ފަރާތެވެ. އަދި އެގައުމުގެ ފުރަތަމަ އަންހެން ނައިބު ރައީސާގެ މަގާމާއި ހަވާލުވެވަޑައިގެންނެވި ހެރިސް އަކީ އެ މަގާމާއި ހަވާލުވެވަޑައިގަންނަވާ 49 ވަނަ ފަރާތެވެ.

ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށްފަހު ބައިޑެން ވަނީ ގައުމާއި މުހާތަބު ކުރައްވާފައެވެ. އެގޮތުން ބައިޑެންގެ މި ތަގުރީރުގައި ވަނީ އެމެރިކާގެ ރައްޔިތުން އެއްބައިވަންތަ ކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.