Last Updated: March 29, 02:52
Friday, March 29, 2024
ޚަބަރު

އަތޮޅުތެރޭގެ 50 ޕަސެންޓް ރަށް ފަޅުވުމުގެ ބިރު އެބައޮތް: ނިޒާރު

އަތޮޅުތެރޭގެ 50 ޕަސެންޓް ރަށް ފަޅުވުމުގެ ބިރު އެބައޮތް ކަމަށް ކުރިއަށް އޮތް ކައުންސިލް އިންތިހާބުގައި އެމްޑީޕީގެ ޓިކެޓުގައި އައްޑޫ ސިޓީގެ މޭޔަރު ކަމަށް ވާދަކުރައްވާ އަލީ ނިޒާރު ވިދާޅުވެއްޖެއެވެ.

އަތޮޅުތަކަށް އޮތް ސިޔާސަތުތައް ބަދަލު ނުކޮށްފިނަމަ ކުރިއަށް އޮތް 50 އަހަރު ތެރޭ ރާޢްޖޭގެ 50 ޕަސެންޓް ރަށްތައް ފަޅުވާނެ ކަމުގެ ބިރުއެބައޮތް ކަމަށެވެ. އަދި ރާއްޖޭގެ އާމްދަނީ 75 ޕަސެންޓް މާލެ ސަރަހައްދަށް ޚަރަދުކޮށް އަތޮޅުތަކުގެ އިޤްތިޞާދަށް ޕްލޭންތަކެއް ނެތި ދިއުމަކީ ނުރައްކާތެރި ކަމެއް ކަމަށްވެސް ނިޒާރު ވިދާޅުވިއެވެ.

"ތޮށިލުމާއި، ނަރުދަމާ އެއީ، ދިރިތިބުމަށް ކުރަންޖެހޭ ކަމެއް. ދެމި ތިބުމަށް އޮތް ހައްލެއްނޫން. އެއްފަސް ކުރުމާއި އާމްދަނީގެ ހިއްސާ އަދި އިދާރީ މިނިވަންކަން އަތޮޅުތަކަށް ނުލިބޭނަމަ އަތޮޅަށް ވިހޭ ކުއްޖާ ބޮޑުވެ އެތާ މަޑުކުރަންޖެހޭ ޖެހޭ ސަބަބެއް ނެތް" ނިޒާރު ވިދާޅުވިއެވެ.

އަދި ޕެންޝަނާއިއެކު މާމައާއި، ކާފަ ރަށުގައި މަޑުކުރިޔަސް ކިޔަވާ ނިމޭ ކުއްޖާގެ މުސްތަގުބަލު ރަށުން ފެންނަން ނެތް ކަމަށްވެސް ނިޒާރު ވިދާޅުވިއެވެ. އެގޮތުން އެ މަންޒަރު ވެސް ފެންނަން އޮތީ މާލެ އިން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"ޖަޒީރާ ދިރިއުޅުމަކީ އުފަލުގައި ދިރިއުޅުމަށް ވާންޖެހޭ. ހާލުގައި ދިރިއުޅުމެއްނޫން." ނިޒާރު ވިދާޅުވިއެވެ.

ލާމަރުކަޒީ އުސޫލުން އިދާރީ ދާއިރާތައް ހިންގުމަށް ޤާނޫނަށް ބޮޑެތި ބަދަލު ގެނެސް ރަށްރަށުގެ ކައުންސިލްތަކަށް ރަށުގެ ބާރުވެރިކަން ދިނުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. ނަމަވެސް ކައުންސިލް އިންތިހާބު ބޭއްވުން ފަސްވެ، ރަށްތަކުގެ ހިންގުމާއި އައު ކައުންސިލަރުންނަށް ހަވާލު ނުވެވި ގިނަ ދުވަސްތަކެއް ވާތީ ބައެއް އާންމުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.