Last Updated: April 25, 12:03
Thursday, April 25, 2024
ވިޔަފާރި

އެކްސްޕޯޓު، އިމްޕޯޓު އަދި ދައުލަތަށް ލިބުނު އާމްދަނީ ވެސް ދަށަށް

އެމްޕީއެލް ބަނދަރު ސަރަހައްދު ފޮޓޯ: އެމްޕީއެލް

މިދިޔަ ޖެނުއަރީ މަހު ރާއްޖެއަށް އެތެރެ ކުރި މުދަލާއި ރާއްޖެއިން ބޭރަށް އެކްސްޕޯޓުކުރި މުދަލުގެ އަގުގެ އިތުރުން ދައުލަތަށް ލިބުނު އާމްދަނީ ވެސް ދަށަށް ހިނގައްޖެއެވެ.

ކަސްޓަމްސް އިން ނެރުނު މިދިޔަ ޖެނުއަރީ މަހުގެ ތަފާސް ހިސާބުތަކަށް ބަލާއިރު 2020 ވަނަ އަހަރުގެ ޖެނުއަރީ މަހު ރާއްޖެ އަށް 3.8 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓްކޮށްފައިވާ އިރު މި އަހަރުގެ ޖެނުއަރީ މަހު އެ އަދަދު ވަނީ 2.9 ބިލިއަން ރުފިޔާއަށް ވަނީ ދަށްވެފައެވެ. މިއީ 24 ޕަސެންޓުގެ ދަށްވުމެކެވެ.

މިދިޔަ މަހު އެންމެ ގިނައިން ރާއްޖެ އަށް މުދާ އެތެރެކޮށްފައިވަނީ ޔޫއޭއީންނެވެ. އެގޮތުން އިމްޕޯޓް ކުރި މުދަލުގެ 14 ޕަސެންޓަކީ އެ ގައުމުން އެތެރެކުރި މުދަލެވެ. ދެން އެންމެ ގިނައިން މުދާ އިމްޕޯޓުކޮށްފައިވަނީ ޗައިނާ އާއި އޮމާން އިންނެވެ.

މިދިޔަ މަހު ރާއްޖެ އިން އެކްސްޕޯޓް ކުރި މިންވަރު ވެސް ދަށްވެފައިވާއިރު، މިދިޔަ އަހަރުގެ ޖެނުއަރީ މަހު 420 މިލިއަން ރުފިޔާގެ މުދާ ރާއްޖެ އިން އެކްސްޕޯޓްކޮށްފައިވާއިރު މި އަހަރު އެ އަދަދު ވަނީ 316 މިލިއަން ރުފިޔާއަށް ދަށްވެފައެވެ. މިއީ 25 ޕަސެންޓުގެ ދަށްވުމެކެވެ.

މިދިޔަ މަހު ރާއްޖެ އިން އެންމެ ގިނައިން މުދާ އެކްސްޕޯޓު ކޮށްފައިވަނީ ތައިލޭންޑަށެވެ. އެގޮތުން ރާއްޖެ އިން މިދިޔަ މަހު އެކްސްޕޯޓް ކުރި މުދަލުގެ 32 ޕަސެންޓް ބޭރުކޮށްފައިވަނީ އެ ގައުމަށެވެ.

މިދިޔަ މަހު ލިބުނު އާމްދަނީ ވަނީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާ ބަލާއިރު 12 ޕަސެންޓަށް ދަށްވެފައެވެ. އެގޮތުން މިދިޔަ އަހަރުގެ ޖެނުއަރީ މަހު އާމްދަނީގެ ގޮތުގައި 272 މިލިއަން ރުފިޔާ ލިބުނުއިރު މިއަހަރުގެ އެ މުއްދަތުގައި ލިބިފައިވަނީ 240 މިލިއަން ރުފިޔާއެވެ.