އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ހައްޔަރުކޮށްފިއެވެ.
އިދިކޮޅު ކޯލިޝަނުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ އަދުރޭ ހައްޔަރުކުރީ ގެއަށް ވަޑައިގަންނަވަން ޕީޕީއެމް އޮފީސް ދޮރުމައްޗަށް ނިކުތްތަނާ ކަމަށެވެ.
އަދުރޭ އަކީ މިވަގުތު އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަން ހިންގެވުމާ ހަވާލުވެ ހުންނެވި އެންމެ އިސް ފަރާތެވެ.
އަދުރޭ ހައްޔަރުކޮށްފައިވާއިރު އިދިކޮޅު ކޯލިޝަނުން މިއަދު ވެސް އަންނަނީ މާލޭގެ މަގުތަކުގައި އެއްވުމެއް ބާއްވަމުންނެވެ. އަދި އަންނަ ހުކުރު ދުވަހު ބޮޑު މުޒާހަރާއެއް ބޭއްވުމަށް ވެސް އިދިކޮޅުން ވަނީ ނިންމާފައެވެ.
އިދިކޮޅުން އެއްވުންތައް ބާއްވަމުންދާއިރު މާލޭގައި އެއްވުންތައް ދެން ބާއްވާނަމަ ގާނޫނީ ފިޔަވަޅު ވަގުތުން އަޅާނެ ކަމަށް ފުލުހުން ދާދިފަހުން ވަނީ ހާމަކޮށްފައެވެ.
އެގޮތުން ހެޑް އޮފް މާލެސިޓީ ޕޮލިސް ޗީފް ސްޕްރިޓެންޑެންޓް އޮފް ޕޮލިސް އަބްދުﷲ ޝަރީފް ވިދާޅުވީ އިދިކޮޅުން މުޒާހަރާތައް ބާއްވަމުންދަނީ އެޗްޕީއޭގެ ގައިޑްލައިނާ އަދި ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ ޤާނޫނާވެސް ހިލާފަށް ކަމަށެވެ.
އަދި މުޒާހަރާތައް ނުބޭއްވުމަށް އިދިކޮޅަށް ތަކުރާރުކޮށް ނަސޭހަތްތެރިވެފައިވާކަން ފާހަގަކުރައްވާ އަބްދުﷲ ޝަރީފް ވިދާޅުވީ އެގޮތަށް މުޒާހަރާ ބާއްވާ ކަމުގައިވާނަމަ ބެލެވޭނީ އެއީ ޤާނޫނު ހިންގުމަށް ހުރަސް އެޅުމަށް ހިންގޭ އަމަލެއްގެ ގޮތަށް ކަމަށާއި އެގޮތުން ދެން އެއްވުންތައް ބާއްވާނަމަ ވަގުތުން ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށެވެ. އަދި މިއީ އެޗްޕީއޭގެ ގައިޑްލައިނާއި ގާނޫނާއި ހިލާފަށް ހިންގާ އަމަލުތަކެއް ކަމަށްވާތީ މިފަދަ އެއްވުންތަކުގައި ބައިވެރިނުވުމަށް އާންމުންނަށް ވެސް ވަނީ އަންގާފައެވެ.
އިދިކޮޅުން އެއްވުންތައް ބާއްވަމުންދާއިރު އެޗްޕީއޭ އިން ވަނީ މާލެ ސަރަހައްދުގައި އެއްފަހަރާ 10 މީހުންނަށް ވުރެ ގިނަމީހުން މަގުމައްޗާއި އާންމު ތަންތަނަށް އެއްވެއުޅުން ހުއްޓާލުމަށް އަންގާފައެވެ.