Last Updated: April 25, 22:42
Thursday, April 25, 2024
ޚަބަރު

އެޗްޕީއޭގެ އެންގުމާ ހިލާފަށް އެއްނުވާތި، ފިޔަވަޅު އަޅާނަން: ފުލުހުން

ކޮވިޑް-19 ގެ މި ހާލަތުގައި ހެލްތް ޕްރޮޓެކްޝަން އެޖެންސީގެ އެންގުންތަކާ ހިލާފަށް އެއްވުންތައް ނުބޭއްވުމަށާއި އެންގުންތަކާއި ހިލާފަށް އެއްވުންތައް ބާއްވާނަމަ ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން މިހެން ބުނެފައިމިވަނީ އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން މާލޭގައި މިއަދު ހަވީރު ބޮޑު މުޒާހަރާއެއް ބޭއްވުމަށް ތައްޔާރުވަމުންދާ ދަނޑިވަޅެއްގައެވެ.

ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މާލެ ސަރަހައްދުގައި 10 މީހުންނަށް ވުރެ ގިނަ މީހުން އެއްވެ ނޫޅުމަށް އެޗްޕީއޭ އިން އަންގާފައިވާއިރު ވެސް އެ އެންގުމާ ހިލާފަށް އަދި ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނާ ވެސް ހިލާފަށް މިއަދު މާލޭގެ އެކި ސަރަހައްދުތަކުގައި އެއްވުންތައް ބާއްވަން އުޅޭކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.

މިއީ ކޮވިޑް-19 އިންތިހާ އަށް ފެތުރުން އިތުރުވެފައިވާ ދަނޑިވަޅެއް ކަމަށްވާއިރު އެންމެހާ ރައްޔިތުންގެ ސަލާމަތްތެރިކަން އިސްކޮށް މި ބަލިމަޑުކަމުން އަރައިގަތުމަށް އެކުގައި މަސައްކަތް ކުރަންޖެހޭ ކަމަށް ފުލުހުން ބުނެފައިވެއެވެ.

އަދި ގާނޫނާ ގަވާއިދާ ހިލާފަށް އެއްވުންތައް ބާއްވަން ފުރުސަތު ނުދޭނެ ކަމަށާއި ހުރިހާ އެންމެން ވެސް އެޗްޕީއޭގެ ގައިޑްލައިނަށް އަމަލުކޮށް ގާނޫނީ ތަރަހައިގެ ތެރެއިން އަމަލުތައް ބެހެއްޓުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ. އެގޮތަށް އަމަލުނުކޮށް އާންމު ރައްޔިތުންގެ ސިއްހަތު ނުރައްކަލުގެ ތެރެއަށް ހުށަހެޅޭ ގޮތަށް އަމަލު ބަހައްޓާ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ވެސް ފުލުހުން ވަނީ ދީފައެވެ.