Last Updated: March 29, 14:00
Friday, March 29, 2024
ޚަބަރު

މޮސްޓާ ވެސް ހައްޔަރުކޮށްފި

މޮސްޓާ ހައްޔަރުކުރުން - ފޮޓޯ: ޕީޕީއެމް

ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު (މޮސްޓާ) ވެސް ފުލުހުންގެ ހައްޔަރަށް ގެންގޮސްފިއެވެ.

ޕީޕީއެމް އިން ބުނީ މޮސްޓާ ހައްޔަރުކޮށްފައިވަނީ މަޖީދީމަގުން ހިނގާފައި އަންނަނިކޮށް ކަމަށެވެ.

އިދިކޮޅުން މިއަދު ހަވީރު މުޒާހަރާއެއް ބޭއްވުމަށް ނިންމާފައިވާއިރު، މުޒަހާރާ ފެށުމުގެ ކުރިން ފުލުހުން އަންނަނީ ގިނަ ބަޔަކު ހައްޔަރުކުރަމުންނެވެ. އަދި ޕީޕީއެމްގެ އޮފީހަށް އާންމުން ވަންނަން ވެސް ފުލުހުން އަންނަނީ ހުރަސް އަޅަމުންނެވެ.

ފުލުހުން ބުނީ އެޗްޕީއޭގެ ގައިޑްލައިނާ ހިލާފަށް، އަދި ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނާ ހިލާފަށް ކުރިއަށް ގެންދިޔުމަށް މަސައްކަތް ކުރާ އެއްވުމެއް ބޭއްވިޔަނުދިނުމުގެ ބޭއްވުމުގައި، އެ އެއްވުން ބޭއްވުމުގައި އިސްކޮށް އުޅޭ ބަޔަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.

އިދިކޮޅުން މިއަދު ހަވީރު މާލޭގައި މުޒާހަރާއެއް ބޭއްވުމަށް ތައްޔާރުވަމުންދާއިރު، ފުލުހުންނާއި ހޯމް މިނިސްޓްރީން ވެސް ވަނީ އެޗްޕީއޭގެ އެންގުންތަކާ ހިލާފަށް އެއްވުންތައް ބޭއްވުމަށް ފުރުސަތު ނުދޭނެ ކަމަށް ބުނެފައެވެ. އަދި އެ އެޗްޕީއޭގެ އެންގުމާ ހިލާފުވާ ފަރާތްތަކަށް ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށްވެސް ބުނެފައިވެއެވެ.

އިދިކޮޅުން އެއްވުމެއް ބާއްވަން ތައްޔާރުވަމުންދާއިރު މާލެ ސަރަހައްދުގައި ކޮވިޑް-19 ފެތުރުން ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އެގޮތުން މާލެ މިވަގުތު އޮތީ ލޮކްޑައުނަކަށް ދާންޖެހޭ ހާލަތުގައި ކަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމު އިއްޔެ ވަނީ ވިދާޅުވެފައެވެ.