Last Updated: March 28, 17:47
Thursday, March 28, 2024
ޚަބަރު

އަޅުގަނޑުމެން މިތިބީ ހައިޖެކްކޮށްފައި: އިދިކޮޅު

ޕީޕީއެމް އޮފީސްތެރޭގައި މިހާރު މިތިބީ ހައިޖެކްކޮށްފައިވާ ކަމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީން ބުނެފިއެވެ.

އިދިކޮޅުން މިއަދު ހަވީރު މުޒާހަރާއެއް ބޭއްވުމަށް ނިންމާފައިވާއިރު، މުޒަހާރާ ފެށުމުގެ ކުރިން ފުލުހުން އަންނަނީ ގިނަ ބަޔަކު ހައްޔަރުކުރަމުންނެވެ. އަދި ޕީޕީއެމްގެ އޮފީހަށް އާންމުން ވަންނަން ވެސް ފުލުހުން އަންނަނީ ހުރަސް އަޅަމުންނެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޕީއެންސީގެ ނައިބް ރައީސް މުހައްމަދު ނިމާލް ވިދާޅުވީ ޕީޕީއެމް އޮފީސްތެރޭގައި މިހާރު މިތިބީ ހައްޔަރީންގެ ގޮތުގައި ކަމަށާއި މިތިބީ ހައިޖެކްކޮށްފައި ކަމަށެވެ. އަދި މިނިވަންކަމުގެ އިހުސާސް މިއަދު ނުކުރެވޭ ކަމަށްވެސް ނިމާލު ވިދާޅުވިއެވެ.

އަދި ސަރުކާރާއި ފުލުހުން އިންޒާރު ދިން ނަމަވެސް މުޒާހަރާ ހަވީރު 4:15 ގައި ފެށިގެންދާނެ ކަމަށްވެސް ނިމާލު ވިދާޅުވިއެވެ. އެގޮތުން މިއަދަކީ ރަތް އިންގިލާބުގެ ފެށުން ކަމަށާއި މި މުޒާހަރާގައި ބައިވެރިވުމަށް މާލޭގެ އެކި ސަރަހައްދުތަކުން ރައްޔިތުން ނިކުތުމަށްވެސް ނިމާލު ވިދާޅުވިއެވެ. އަދި މިރޭ ވިޔަސް ގެއަށް ވަންނާނީ މުޒާހާރާ ބާއްވާފައި ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އިދިކޮޅު ލީޑަޝިޕްގެ ބައެއް ބޭފުޅުން ފުލުހުން ހައްޔަރުކުރަމުންދާއިރު ފުލުހުން ބުނީ އެ ފަރާތްތައް ހައްޔަރުކުރަމުންދަނީ އެޗްޕީއޭގެ ގައިޑްލައިނާ ހިލާފަށް، އަދި ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނާ ހިލާފަށް ކުރިއަށް ގެންދިޔުމަށް މަސައްކަތް ކުރާ އެއްވުމެއް ބޭއްވިޔަނުދިނުމުގެ ބޭނުމުގައި ކަމަށެވެ.

އިދިކޮޅުން މިއަދު ހަވީރު މާލޭގައި މުޒާހަރާއެއް ބޭއްވުމަށް ތައްޔާރުވަމުންދާއިރު، ފުލުހުންނާއި ހޯމް މިނިސްޓްރީން ވެސް ވަނީ އެޗްޕީއޭގެ އެންގުންތަކާ ހިލާފަށް އެއްވުންތައް ބޭއްވުމަށް ފުރުސަތު ނުދޭނެ ކަމަށް ބުނެފައެވެ. އަދި އެ އެޗްޕީއޭގެ އެންގުމާ ހިލާފުވާ ފަރާތްތަކަށް ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށްވެސް ބުނެފައިވެއެވެ.