Last Updated: April 20, 07:18
Saturday, April 20, 2024
ޚަބަރު

އިންޒާރަކަށް ބެލުމެއް ނެތި އިދިކޮޅު މުޒާހަރާ ކުރިއަށް

އިދިކޮޅު އެއްވުމުގެ ތެރެއިން - ފޮޓޯ: ޕީޕީއެމް

އިދިކޮޅު ޕީޕީއެމް/ޕީއެންސީ އިން މާލޭގައި ބާއްވަން ނިންމި މުޒާހަރާ ކުރިއަށްގެންދަން ފަށައިފިއެވެ.

މިއަދު ހަވީރު ޕީޕީއެމް އޮފީސް ކުރިމަތިން ފެށި މި މުޒާހަރަކީ ހިޔާ ފްލެޓް ގެއްލުނު ފަރާތްތަކަށް ހައްޤުތައް ހޯދުމަށް "މަގޭ ފްލެޓް ކޮބާ"ގެ ނަމުގައި ކުރިއަށްގެންދާ އެއްވުމެކެވެ.

މި އެއްވުމުގައި އިދިކޮޅު ކޯލިޝަނުގެ އިސް ބޭފުޅުން ވެސް ބައިވެރިވަމުންދާއިރު، އެއްވުން ކުރިއަށް ގެންދަން ފުލުހުން އަންނަނީ ހުރަސް އަޅަމުންނެވެ. އެގޮތުން ޕީޕީއެމް ދޮރުމަތީގައި ފުލުހުންގެ ސަފުތައް ވަނީ ރުކުރުވާލާފައެވެ.

މި އެއްވުން ހުއްޓުވުމުގެ ގޮތުން ފުލުހުން ވަނީ އެއްވުން ފެށުމުގެ ކުރިން އިދިކޮޅު ލީޑަޝިޕްގެ ބައެއް ބޭފުޅުން ހައްޔަރުކޮށްފައެވެ. އޭގެތެރޭގައި ހޯރަފުށި ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އިސްމާއިލް އާއި ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު (މޮސްޓާ) އާއި އިދިކޮޅު ދެ ޕާޓީގެ ބައެއް ކައުންސިލު މެމްބަރުން ހިމެނެއެވެ.

އިދިކޮޅުން މިއަދު ހަވީރު މާލޭގައި މުޒާހަރާ ކުރަމުންދާއިރު ފުލުހުންނާއި ހޯމް މިނިސްޓްރީން ވެސް ވަނީ އެޗްޕީއޭގެ އެންގުންތަކާ ހިލާފަށް އެއްވުންތައް ބޭއްވުމަށް ފުރުސަތު ނުދޭނެ ކަމަށް ބުނެފައެވެ. އަދި އެ އެޗްޕީއޭގެ އެންގުމާ ހިލާފުވާ ފަރާތްތަކަށް ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށްވެސް ބުނެފައިވެއެވެ.

އިދިކޮޅުން މުޒާހަރާ ފަށާފައިވާއިރު މާލެ ސަރަހައްދުގައި ކޮވިޑް-19 ފެތުރުން ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އެގޮތުން މާލެ މިވަގުތު އޮތީ ލޮކްޑައުނަކަށް ދާންޖެހޭ ހާލަތުގައި ކަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމު އިއްޔެ ވަނީ ވިދާޅުވެފައެވެ.