Last Updated: April 19, 19:29
Friday, April 19, 2024
ޚަބަރު

ސައީދު، ނަޝީދަށް: ހަ މީހުން ހިފަހައްޓަން ހަތިޔާރު ބޭނުންވޭތޯ؟

އިދިކޮޅުން މާލޭގައި މުޒާހަރާ ކުރަމުންދަނީ ހަ މީހުންނާއެކު ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ދެއްކެވި ވާހަކަތަކާ ގުޅިގެން އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް މުހައްމަދު ސައީދު ނަޝީދާއި ސުވާލެއް ކުރިމަތިކުރުވައިފިއެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުން ދާދިފަހުން ބޭއްވި ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ނަޝީދު ވިދާޅުވީ އިދިކޮޅުން މަގުމަތީގައި ހަޔެއްކަށް މީހުން ލައިގެން ލާހޫރެނީ ކަމަށާއި އެއީ މުޒާހަރާއެއް ނޫން ކަމަށެވެ.

"މަގުމަތީގައި ހަޔެއްކަށް މީހުން އެބަ ލާހޫރޭ. ބުނަނީ މުޒާހަރާއޭ، މުޒާހަރާ އަކަށް ނުވެސްވޭ. ހަގީގަތުގައި އެކައްޗަކަށް ވެސް ނުވޭ" ނަޝީދު ވިދާޅުވިއެވެ.

ނަޝީދުގެ އެ ވާހަކަތަކާ ގުޅިގެން އިދިކޮޅުން މިއަދު މާލޭގައި ކުރިއަށްގެންދާ މުޒާހަރާ ހުއްޓުވަން ރަޔަޓް ގިޔަރުގައި ތިބި ފުލުހުންތަކެއްގެ ފޮޓޯތަކެއް އާންމުކޮށް ސައީދު ވަނީ ހަ "ކެނާ" ހިފަހައްޓަން ހަތިޔާރު ބޭނުންވޭތޯ ސުވާލުކުރައްވާފައެވެ. ސައީދުގެ މި ޓްވީޓުގައި ވަނީ ނަޝީދުގެ އިތުރުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ޓެގް ކުރައްވާފައެވެ.

މިއަދު ހަވީރު ޕީޕީއެމް އޮފީސް ކުރިމަތިން ފެށި މި މުޒާހަރަކީ ހިޔާ ފްލެޓް ގެއްލުނު ފަރާތްތަކަށް ހައްޤުތައް ހޯދުމަށް "މަގޭ ފްލެޓް ކޮބާ"ގެ ނަމުގައި ކުރިއަށްގެންދާ އެއްވުމެކެވެ.

މި އެއްވުމުގައި އިދިކޮޅު ކޯލިޝަނުގެ އިސް ބޭފުޅުން ވެސް ބައިވެރިވަމުންދާއިރު، އެއްވުން ކުރިއަށް ގެންދަން ފުލުހުން އަންނަނީ ހުރަސް އަޅަމުންނެވެ. އެގޮތުން ޕީޕީއެމް ދޮރުމަތީގައި ފުލުހުންގެ ސަފުތައް ވަނީ ރުކުރުވާލާފައެވެ.

މި އެއްވުން ހުއްޓުވުމުގެ ގޮތުން ފުލުހުން ވަނީ އެއްވުން ފެށުމުގެ ކުރިން އިދިކޮޅު ލީޑަޝިޕްގެ ބައެއް ބޭފުޅުން ހައްޔަރުކޮށްފައެވެ. އޭގެތެރޭގައި ހޯރަފުށި ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އިސްމާއިލް އާއި ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު (މޮސްޓާ) އާއި އިދިކޮޅު ދެ ޕާޓީގެ ބައެއް ކައުންސިލު މެމްބަރުން ހިމެނެއެވެ.