Last Updated: April 19, 22:45
Friday, April 19, 2024
ޚަބަރު

އަދުރޭ އާއި ގައްސާން ހައްޔަރުކޮށްފި

އަދުރޭ އާއި ގައްސާން - ފޮޓޯ: މިހާރު

އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) އާއި ޕީޕީއެމްގެ ނައިބު ރައީސް އަދި ގުރައިދޫ ދާއިރާގެ މެމްބަރު މުހައްމަދު ގައްސާން މައުމޫން ހައްޔަރުކޮށްފިއެވެ.

އިދިކޮޅު ކޯލިޝަނުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ އަދުރޭ އާއި ގައްސާންގެ އިތުރުން ޕީއެންސީގެ ނައިބު ރައީސް މުހައްމަދު ނިމާލު އާއި ހުޅުދޫ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ޝާހިދު (ޝާޑު) ވެސް ހައްޔަރުކޮށްފައިވާ ކަމަށެވެ.

ހިޔާ ފްލެޓް ގެއްލުނު ފަރާތްތަކަށް ހައްޤުތައް ހޯދުމަށް "މަގޭ ފްލެޓް ކޮބާ"ގެ ނަމުގައި އިދިކޮޅުން މިއަދުވެސް މުޒާހަރާ ކުރަމުންދާއިރު މުޒާހަރާ ކުރިއަށް ގެންދަން ފުލުހުން އަންނަނީ ހުރަސް އަޅަމުންނެވެ. އެގޮތުން ޕީޕީއެމް ދޮރުމަތީގައި ފުލުހުންގެ ސަފުތައް ވަނީ ރުކުރުވާލާފައެވެ.

މި އެއްވުން ހުއްޓުވުމުގެ ގޮތުން ފުލުހުން ވަނީ އެއްވުން ފެށުމުގެ ކުރިން ވެސް އިދިކޮޅު ލީޑަޝިޕްގެ ބައެއް ބޭފުޅުން ހައްޔަރުކޮށްފައެވެ. އޭގެތެރޭގައި ހޯރަފުށި ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އިސްމާއިލް އާއި ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު (މޮސްޓާ) އާއި އިދިކޮޅު ދެ ޕާޓީގެ ބައެއް ކައުންސިލު މެމްބަރުން ހިމެނެއެވެ.

ފުލުހުން ބުނީ އިދިކޮޅު މުޒާހަރާގެ ތެރެއިން މިހާތަނަށް 28 މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

އިދިކޮޅުން މިއަދު ހަވީރު މާލޭގައި މުޒާހަރާ ކުރަމުންދާއިރު ފުލުހުންނާއި ހޯމް މިނިސްޓްރީން ވެސް ވަނީ އެޗްޕީއޭގެ އެންގުންތަކާ ހިލާފަށް އެއްވުންތައް ބޭއްވުމަށް ފުރުސަތު ނުދޭނެ ކަމަށް ބުނެފައެވެ. އަދި އެ އެޗްޕީއޭގެ އެންގުމާ ހިލާފުވާ ފަރާތްތަކަށް ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށްވެސް ބުނެފައިވެއެވެ.