Last Updated: April 19, 13:47
Friday, April 19, 2024
ޚަބަރު

އަދުރޭ ގެންގުޅޭ ސްޓްރެޓަޖީ ވަރަށް ރަނގަޅަށް އެނގޭ: އިމްރާން

މިނިސްޓަރު އިމްރާން އަބްދުﷲ - ފޮޓޯ: މަޖިލިސް

މުޒާހަރާތައް ކުރިއަށްގެންދަން އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ގެންގުޅޭ ސްޓްރެޓަޖީ ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

އިމްރާން މިހެން ވިދާޅުވީ އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން މިއަދު ބޭއްވި މުޒާހަރާ އަށް އިޝާރާތް ކުރައްވަމުންނެވެ. މި މުޒާހަރާގެ ތެރެއިން އަދުރޭއާއެކު 28 މީހަކު ވަނީ ހައްޔަރުކޮށްފައެވެ.

އިމްރާން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މުޒާހަރާ ކުރިއަށް ގެންދެވުމުގައި އަދުރޭ ގެންގުޅުއްވާނެ ސްޓްރެޓަޖީ ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާ ކަމަށެވެ. ނަމަވެސް އެކަމާ ގުޅޭ އެއްވެސް އިތުރު ތަފްސީލެއް އެ ޓްވީޓުގައި ދެއްވާފައެއް ނުވެއެވެ.

ހިޔާ ފްލެޓް ގެއްލުނު ފަރާތްތަކަށް ހައްޤުތައް ހޯދުމަށް "މަގޭ ފްލެޓް ކޮބާ"ގެ ނަމުގައި އިދިކޮޅުން މިއަދުވެސް މުޒާހަރާ ކޮށްފައިވާއިރު މުޒާހަރާ ކުރިއަށް ގެންދަން ފުލުހުން ވަނީ ހުރަސް އަޅަމުންނެވެ. އެގޮތުން ޕީޕީއެމް ދޮރުމަތީގައި ފުލުހުންގެ ސަފުތައް އޮތީ ރުކުރުވާލާފައެވެ.

މި އެއްވުން ހުއްޓުވުމުގެ ގޮތުން ފުލުހުން ވަނީ އެއްވުން ފެށުމުގެ ކުރިން ވެސް އިދިކޮޅު ލީޑަޝިޕްގެ ބައެއް ބޭފުޅުން ހައްޔަރުކޮށްފައެވެ. އޭގެތެރޭގައި ހޯރަފުށި ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އިސްމާއިލް އާއި ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު (މޮސްޓާ) އާއި އިދިކޮޅު ދެ ޕާޓީގެ ބައެއް ކައުންސިލު މެމްބަރުން ހިމެނެއެވެ.

އިދިކޮޅުން މިއަދު ހަވީރު މާލޭގައި މުޒާހަރާ ކުރިއިރު ފުލުހުންނާއި ހޯމް މިނިސްޓްރީން ވެސް ވަނީ އެޗްޕީއޭގެ އެންގުންތަކާ ހިލާފަށް އެއްވުންތައް ބޭއްވުމަށް ފުރުސަތު ނުދޭނެ ކަމަށް ބުނެފައެވެ. އަދި އެ އެޗްޕީއޭގެ އެންގުމާ ހިލާފުވާ ފަރާތްތަކަށް ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށްވެސް ބުނެފައިވެއެވެ.