Last Updated: April 25, 17:15
Thursday, April 25, 2024
ޚަބަރު

ފުލުހުންގެ އަމަލުތައް ގާނޫނާ ހިލާފު: ޖަމީލު

ކުރީގެ ނައިބު ރައީސް ޖަމީލު - ފޮޓޯ: ޕީޕީއެމް

ފުލުހުންގެ ފަރާތުން މިއަދު ފެނިގެން ގޮސްފައިވަނީ ގާނޫނާ ހިލާފު އަމަލުތަކެއް ކަމަށް ކުރީގެ ނައިބު ރައީސް އަދި ޕީޕީއެމްގެ އެޑްވައިޒަރު ޑރ.މުހައްމަދު ޖަމީލު ވިދާޅުވެއްޖެއެވެ.

ޖަމީލު މިހެން ވިދާޅުވީ އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން މިއަދު ބޭއްވި މުޒާހަރާ އަށް އިޝާރާތް ކުރައްވަމުންނެވެ. މި މުޒާހަރާގެ ތެރެއިން އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުގެ ލީޑަޝިޕްގެ ބޭފުޅުންނާއެކު 28 މީހަކު ވަނީ ހައްޔަރުކޮށްފައެވެ.

ޖަމީލު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީމިއަދުގެ އިޙްތިޖާޖުން ހައްޔަރުކުރެވުނު އިދިކޮޅުގެ ވަގުތީ ލީޑަރު އަދުރޭ އާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން އަދި އެންމެހާ ޒުވާނުން ވަގުތުން ދޫކޮށްލުމަށް ގޮވާލާ ކަމަށެވެ.

"އަނިޔާކުރުން ހުއްޓާލާ. ފުލުހުންގެ ޢަމަލުތައް ޤާނޫނާ ޚިލާފް. ޖަވާބުދާރީވާންޖެހޭ ވަގުތު އަންނާނެކަން ޔަޤީން" ޖަމީލު ވިދާޅުވިއެވެ.

ހިޔާ ފްލެޓް ގެއްލުނު ފަރާތްތަކަށް ހައްޤުތައް ހޯދުމަށް "މަގޭ ފްލެޓް ކޮބާ"ގެ ނަމުގައި އިދިކޮޅުން މިއަދުވެސް މުޒާހަރާ ކޮށްފައިވާއިރު މުޒާހަރާ ކުރިއަށް ގެންދަން ފުލުހުން ވަނީ ހުރަސް އަޅަމުންނެވެ. އެގޮތުން ޕީޕީއެމް ދޮރުމަތީގައި ފުލުހުންގެ ސަފުތައް އޮތީ ރުކުރުވާލާފައެވެ.

މި އެއްވުން ހުއްޓުވުމުގެ ގޮތުން ފުލުހުން ވަނީ އެއްވުން ފެށުމުގެ ކުރިން ވެސް އިދިކޮޅު ލީޑަޝިޕްގެ ބައެއް ބޭފުޅުން ހައްޔަރުކޮށްފައެވެ. އޭގެތެރޭގައި ހޯރަފުށި ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އިސްމާއިލް އާއި ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު (މޮސްޓާ) އާއި އިދިކޮޅު ދެ ޕާޓީގެ ބައެއް ކައުންސިލު މެމްބަރުން ހިމެނެއެވެ.

އިދިކޮޅުން މިއަދު ހަވީރު މާލޭގައި މުޒާހަރާ ކުރިއިރު ފުލުހުންނާއި ހޯމް މިނިސްޓްރީން ވެސް ވަނީ އެޗްޕީއޭގެ އެންގުންތަކާ ހިލާފަށް އެއްވުންތައް ބޭއްވުމަށް ފުރުސަތު ނުދޭނެ ކަމަށް ބުނެފައެވެ. އަދި އެ އެޗްޕީއޭގެ އެންގުމާ ހިލާފުވާ ފަރާތްތަކަށް ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށްވެސް ބުނެފައިވެއެވެ.