Last Updated: April 24, 11:39
Wednesday, April 24, 2024
ޚަބަރު

ގަމާއި ހުޅުމީދޫ އަންޑަވޯޓާ ޓަނަލްއަކުން ގުޅުވާލަނީ

އައްޑޫ ސިޓީގެ ގަމާއި ހުޅުމީދޫ އަންޑަރ ވޯޓާ ޓަނަލް އަކުން ގުޅުވާލުމަށް ހަމަޖެހިފައިވާ ކަމަށް އައްޑޫގެ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) ވިދާޅުވެއްޖެއެވެ.

ސޯބެ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފަސޭހަކޮށް ދަތުރުކުރެވޭނެ މަގާއި ބްރިޖު އަދި ސަބްމާރޖްޑް ކްރޮސިން ހަދައި އައްޑޫގެ ހުރިހާ އަވަށެއް ގުޅުވާލުމަކީ އައްޑޫ މީހުންގެ ވިސްނުން ކަމަށެވެ.

"ފާސްޓް ފެރީ އާއި ރަނގަޅު ބަހާއި މޮނޮރެއިލް ހިމެނޭ ޕަބްލިކް ޓްރާންސްޕޯޓު ނެޓްވޯކަކުން އައްޑޫގެ ހުރިހާ އަވަށެއް ގުޅުވާލެވޭނެ" ސޯބެ ވިދާޅުވިއެވެ.

އިންޑިއާގެ އެގްޒިމް ބޭންކްގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ތަރައްޤީކުރާ މި މަޝްރޫޢުތަކުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިމަހުގެ 21 ވަނަ ދުވަހުއެވެ.

މި އެއްބަސްވުމުގެ ދަށުން އައްޑޫގެ ފެން ހިންދުމުގެ މަޝްރޫއުގެ ތެރެއިން ފޭދޫ ފިޔަވައި އެހެން ހުރިހާ ރަށެއްގައި (ހިތަދޫ، މަރަދޫ، މަރަދޫފޭދޫ، ހުޅުދޫ އަދި މީދޫ) ޖުމްލަ 103 ކިލޯމީޓަރުގެ ފެން ހިންދާ ނިޒާމް ގާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން، އައްޑޫ ސިޓީ ހިތަދޫ، މަރަދޫ، މަރަދޫފޭދު، ފޭދޫ، ހުޅުދޫ އަދި މީދޫ ހިމެނޭގޮތަށް ޖުމްލަ 40 ކިލޯމީޓަރުގެ މަގުގައި ތާރު އެޅިގެންދާއިރު، ތާރުއެޅުމަށް ކަނޑައެޅިފައިވާ މަގުތަކުގެ އިތުރުން ގާތްގަނޑަކަށް 60 ކިލޯމީޓަރުގެ މަގުގައި ސިމެންތި ސްޓެބިލައިޒްޑް ބޭސް (ސިއެސްބީ) ލެޔާ އެޅުމަށް ހަމަޖެހިފައިވާކަމަށް ސަރުކާރުން ބުންޏެވެ.

މި މަޝްރޫއުގެ ދަށުން ތަރައްޤީކުރެވޭ މަގުތަކުގައި މަގުބައްތި، ސީސީޓީވީ ކެމަރާ އަދި އެހެނިހެން ޓްރެފިކް ރައްކާތެރިކަމުގެ ފިޔަވަޅުތައް ޤާއިމްކުރެވޭނެކަމަށްވެސް ސަރުކާރުން ބުނެއެވެ.

މަޝްރޫއު ނިމިގެންދާއިރު ހަންކެޑެ ހިމެނޭ ސަރަޙައްދުގައި މިހާރު ބޭނުންކުރަމުންދާ ލިންކް ރޯޑުގެ ހުޅަނގުން ހަންކެނޑެއަށް ނާރާ ގޮތަށް ހިތަދޫ ގައުކެޑިއާއި މަރަދޫއާއި ގުޅާލުމަށްޓަކައި 1.463 ކިލޯމީޓަރުގެ އައު 4 ލެންގެ ޑީޓުއަރ ލިންކް ރޯޑެއް ޤާއިމްކުރެވޭނެއެވެ. މިއީ އައްޑޫގައި ސަރުކާރުން ހިންގާ އެންމެ ބޮޑު އެއްް މަޝްރޫއުއަށް ވެގެންދާނެ އެވެ.