Last Updated: April 20, 06:38
Saturday, April 20, 2024
ޚަބަރު

މާދަމާ މަޖިލީހަށް ވަޑައިގަންނަވާނީ ވަޒީފާ ދިފާއު ކުރާކަށް ނޫން: މަލީހު

މާދަމާ ރައްޔިތުންގެ މަޖިލީހަށް ވަޑައިގަންނަވާނީ ވަޒީފާ ދިފާއު ކުރައްވަން ނޫން ކަމަށް ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެއެވެ.

މަލީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާއަށް ވަނީ އެޖެންޑާކޮށްފައެވެ. މިގޮތުން އިތުބާރު ނެތްކަމުގެ މައްސަލައިގެ ބަހުސް ދެ ގަޑިއިރަަށް ދެމިގެންދާއިރު، މިނިސްޓަރު މަލީހަށް ޖަވާބުދާރީ ވުމަށްވެސް 30 މިނެޓްގެ ފުރުސަތު ލިބިގެންދާނެ އެވެ.

މަލީހު ވިދާޅުވީ މާދަމާ ހެނދުނު މަޖިލީހަށް ވަޑައިގަންނަވާނީ އޭނާގެ ވަޒީފާގެ ދިފާއު ކުރަން ނޫން ކަމަށާއި ގާނޫނު އަސާސީގެ މާއްދާ 27 ގެ ދިފާއުގައި ކަމަށެވެ. އެގޮތުން ދުލާއި ގަލަމުން އެމީހަކަށް ފެންނަ ވާހަކައެއް އިސްލާމްދީނާއި އަސްލަކާ ހިލާފު ނުވާ ގޮތަށް ފާޅުކުރުމުގެ މިނިވަންކަން ކޮންމެ ދިވެއްސަކަށް ލިބިގެންވާ ކަމަށް މަލީހު ވިދާޅުވިއެވެ.

މަޖިލީހުގެ 14 މެމްބަރުންގެ ސޮޔާއި އެކު މަޖިލީހަށް ހުށަހެޅި މަލީހުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ބުނެފައިވަނީ، ޓެލިކޮމިއުނިކޭޝަން ޤާނޫނުން މިނިސްޓްރީގެ ދަށުން ހިންގަމުން އަންނަ އިދާރާތަކަށް ކުރުމަށް ލާޒިމްކުރާ ކަންތައްތަކަށް ރިއާޔަތްކޮށް ބަލާއިރު، ޤާނޫނުގެ ދަށުން ރާއްޖޭގެ ކޮމިއުނިކޭޝަންސް އޮތޯރިޓީއިން ހަދަންޖެހޭ އެއްވެސް ގަވައިދެއް މަގާމުގައި ހުންނަވާތާ ދެ އަހަރުވީއިރުވެސް މިނިސްޓަރު މަލީހް ހައްދަވާފައި ނުވާކަމަށެވެ.

"އަދި، ބުނެވިދިޔަ ގަވައިދުތައް ހެދުމަށް މިނިސްޓްރީގެ ސިޔާސީ މަޤާމުތަކުގައި ތިއްބެވި ބޭފުޅުންނާއި މުވައްޒަފުން ކުރެއްވި މަސައްކަތަށް ވަޒީރުގެ ފަރާތުން އެއްވެސް އެއްބާރުލުމެއް ދެއްވާފައިނުވާކަމާއި، އަދި އެކަމަށް ހުރަސް އަޅުއްވާފައިވާކަން ސާފުވާތީ.." އިތުބާރު ނެތްކަމުގެ މައްސަލައިގައިވެއެވެ.

އިތުބާރު ނެތްކަމުގެ މައްސަލައިގައި ބުނެފައިވަނީ، އެ ގަވައިދު ތަކަކީ ރާއްޖޭގެ ޓެލެކޮމް ސިނާއަތް ފުރިހަމައަށް ރެގިއުލޭޓްކޮށް ހިންގުމަށް ކޮންމެހެން ބޭނުންވާ ގަވައިދުތަކެއްކަމަށްވެފައި އެ ގަވައިދުތައް ނުހެދި ލަސްވެގެންދާ ކޮންމެ ދުވަހަކީ ދިވެހި ދައުލަތަށާއި، ރައްޔިތުންނަށް އެތަކެއް ގެއްލުންތަކެއް ކުރިމަތިކުރުވާ ކަމެއްކަމަށެވެ.