Last Updated: April 19, 11:14
Friday, April 19, 2024
ޚަބަރު

އައްޑޫ އިން ކޮވިޑް ޖެހުނު 56 މީހަކު ރަނގަޅުވެއްޖެ

އައްޑޫ ސިޓީން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން އިތުރު ބަޔަކު ބަލިން ރަނގަޅުވެއްޖެއެވެ.

އައްޑޫ އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނީ މިރޭ 18:00 އާއި ހަމައަށް މީދޫ އިން ފެނުނު ދެ ކޭސްގެ އިތުރުން އާ ކޭހެއް ފެނިފައި ނުވާ ކަމަށާއި ނަމަވެސް އިތުރު ތިން މީހަކު ބަލިން ރަނގަޅުވެފައިވާ ކަމަށެވެ.

އެ ތިން މީހުންނާއެކު އައްޑޫ އިން ބައްޔަށް ޕޮޒިޓިވްވެ ބަލިން ރަނގަޅުވި މީހުންގެ އަދަދު މިހާރު ވަނީ 56 އަށް އަރާފައެވެ. އަދި އައްޑޫގެ އެކްޓިވް ކޭސްތަކުގެ އަދަދު މިހާރު އުޅެނީ 35 ގައެވެ. އެގޮތުން ޕޮޒިޓިވްވި މީހުންގެ ތެރެއިން ހަތަރު މީހަކަށް އަންނަނީ އައްޑޫ ކޮވިޑް ފެސިލިޓީގައި ފަރުވާ ދެމުންނެވެ.

އައްޑޫ އިން ފާއިތުވި 24 ގަޑިއިރުތެރޭގައި 92 ސާމްޕަލް ނަގާފައިވާ ކަމަށްވެސް އެ ސެންޓަރުން ބުނެއެވެ.

ހުޅުމީދޫ ފިޔަވައި އައްޑޫގެ އެހެން އަވަށްތަކުގައި އަޅާފައިވާ ހާއްސަ ފިޔަވަޅުތައް އެޗްޕީއޭ އިން ދާދިފަހުން ވަނީ އުވާލާފައެވެ. ހުޅުމީދޫގައި އަޅާފައިވާ ފިޔަވަޅުތައް އުވާލާފައި ނުވަނީ އެ ރަށުން ރެންޑަމްކޮށް ނެގި ދެ ސާމްޕަލެއް ޕޮޒިޓިވްވެ، އިތުރު ބަޔަކު އެ ރަށުން ބައްޔަށް ޕޮޒިޓިވްވުމާ ގުޅިގެންނެވެ. އެގޮތުން މިހާތަނަށް އެ ރަށުން ވަނީ 13 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައެވެ.

މި ކޭސްތަކާ ގުޅިގެން އެ ރަށުގައި ހަތް ދުވަހުގެ މުއްދަތަށް ކާފިއު ހިންގުމަށް އެޗްޕީއޭ އިން ވަނީ އަންގާފައެވެ.