Last Updated: April 23, 13:19
Tuesday, April 23, 2024
ޚަބަރު

ކޮންޓެކްޓް ޓްރޭސިން އަށް މީދޫއިން ލިބޭ ތަރުހީބު ކުޑަ

ހުޅުމީދޫ

އައްޑޫ ސިޓީ މީދޫ އިން ކޮންޓެކްޓް ޓްރޭސިން އަށް ލިބޭ ތަރުހީބު ކުޑަ ކަމަށް، އައްޑޫގެ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) ވިދާޅުވެއްޖެއެވެ.

މީދޫގައި މިވަގުތު ކޮވިޑްގެ ދެ ކްލަސްޓާއެއް އުފެދިފައިވާއިރު، އެ ދެ ކްލަސްޓާ އިން މިހާތަނަށް ވަނީ 13 މީހަކު ޕޮޒިޓިވް ވެފައެވެ.

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސޯބެ ވިދާޅުވީ މީދޫ އިން ކޮންޓެކްޓް ޓްރޭސިން ހެދޭއިރު، ކޮންޓެކްޓް ޓްރޭސިން އަށް ބޭނުންވާ ވަރަށް މައުލޫމާތު ނުލިބޭ ކަމަށް ޕަބްލިކް ހެލްތުން މައުލޫމާތު ދީފައިވާ ކަމަށެވެ. އަދި ކޮންމެ ދުވަހަކު މީދޫ އިން އިތުރު ކޭސްތައް ފެންނަމުންދަނީ އެ މައުލޫމާތުތައް ނުލިބި އަދި ކޮންޓެކްޓްވީ ފަރާތްތައް ނޭނގުމުގެ ސަބަބުން ކަމަށްވެސް ސޯބެ ވިދާޅުވިއެވެ.

ބައްޔަށް ޕޮޒިޓިވްވާ ފަރާތްތަކުން ވީހާވެސް ބޮޑަކަށް ކޮންޓެކްޓް ޓްރޭސިން އަށް މައުލޫމާތު ދޭންޖެހޭ ކަމަށާއި ހިތަދޫގައި އުފެދުނު އޭވިއޭޝަން ކްލަސްޓާ ވެސް ކޮންޓްރޯލް ކުރެވުނީ އެންމެންގެ އެއްބާރުލުމާއެކުގައި ކަމަށް ސޯބެ ވިދާޅުވިއެވެ.

ޕޮޒިޓިވް ކޭސްތަކާ ގުޅިގެން މީދޫގައި ހަތް ދުވަހުގެ މުއްދަތަށް ހާއްސަ ފިޔަވަޅުތަކެއް އަޅާފައިވާއިރު، މިހާރު އޮތް ހާލަތުން އެ ފިޔަވަޅުތައް އިތުރު ހަތް ދުވަހަށް އިތުރުކުރުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށްވެސް ސޯބެ ވިދާޅުވިއެވެ.

ހުޅުމީދޫގައި އެޅި ފިޔަވަޅުތަކުގެ ތެރޭގައި ރޭގަނޑު 8 އިން ފަތިހު 4 ޖެހުމާ ހަމައަށް އެއްގަމު އުޅަނދުފަހަރު ދުއްވުމާއި، މަގުމައްޗާއި އާންމު ތަންތަނަށް މީހުން ނުކުތުން ވަނީ މަނާކޮށްފައެވެ. އަދި އެއްފަހަރާ ތިން މީހުންނަށްވުރެ ގިނަމީހުން މަގުމައްޗާއި އާންމު ތަންތާގައި އެއްވެ އުޅުމަކީ ވެސް މަނާ ކަމެއް ކަމަށާއި ހުޅުމީދޫގެ އެއް އަވަށުން އަނެއް އަވަށަށް ދިޔުމާއި އެއް ގެއިން އަނެއް ގެޔަށް ޒިޔާރަތް ކުރުން ހުއްޓާލުމަށް ވެސް ވަނީ އަންގާފައެވެ.

ފިހާރާތަކާއި ބޭންކުތައް ފަދަ އާންމު ޚިދުމަތް ދޭ ތަންތަނުގައި ޚިދުމަތް ދޭއިރު އެޗްޕީއޭ އިން އާންމުކޮށްފައިވާ ގައިޑްލައިނާ އެއްގޮތަށް ގައިދުރުމިން ބެހެއްޓުމާއި، ތަނަށް ވަދެވޭ އަދަދު ކަނޑައެޅުމާއި، ރައްކައުތެރި ކަމުގެ އެހެނިހެން ފިޔަވަޅުތައް އަޅައިގެން ޚިދުމަތް ދިނުމަށް ވެސް ވަނީ އަންގާފައެވެ.

އަދި ޔުނިވަރސިޓީތަކާއި، ކޮލެޖްތަ ކާއި، ސްކޫލުތަކަށް ދަރިވަރުން ހާޒިރުވެގެން ކް ލާސްތައް ކުރިޔަށް ގެންދިޔުން ހުއްޓައިލުމަށާއި ހޮޓާތަކާއި، ކެފޭތަކާއި، ރެސްޓޯރަންޓް ތަކުން ދެމުންގެންދާ ޚިދުމަތްތައް ހުއްޓައިލުމަށް ވެސް ވަނީ އަންގާފައެވެ. މީގެ ތެރޭގައި ޑެލިވަރީގެ ޚިދުމަތް ދިނުމެއް ނުހިމެނެއެވެ.