Last Updated: April 24, 23:11
Thursday, April 25, 2024
ޚަބަރު

ރަށްތައް ބަނޑަށް ނުޖެހި ސަލާމަތްވީ އެލަވެންސްތަކުގެ ސަބަބުން

ކޮވިޑް-19 ގެ ހާލަތުގައި ރަށްތައް ބަނޑަށް ނުޖެހި ސަލާމަތްވީ ދެވުނު ތަފާތު އެކި އެލަވެންސްތަކުގެ ސަބަބުން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ އެމްޑީޕީން ކުރިއަށްގެންދާ ރަށްވެހި ފަތިސް ކެމްޕެއިންގައި އަތޮޅުތަކުގެ ރަށްރަށުގެ ކެންޑިޑޭޓުންނަށް ސުވާލުކުރުމަށް ހުޅުވާލައިގެން ރޭ އޮންލައިންކޮށް ބޭއްވި ބައްދަލުވުމެއްގައެވެ. ރޭގެ ބައްދަލުވުން ހާއްސަކޮށްފައި އޮތީ ނ.އަތޮޅުގެ ކެންޑިޑޭޓުންނަށެވެ.

ނ.އަތޮޅަށް ކުރެވިފައިވާ ހަރަދުތަކުގެ ތަފްސީލު ހާމަކުރައްވަމުން ރައީސް ވިދާޅުވީ އެ އަތޮޅަށް ޕީއެސްއައިޕީން 200 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށާއި 457 ދަރިވަރަކު މަތީ ތައުލީމު ހާސިލުކުރަމުންދާ ކަމަށެވެ. އަދި ކޮވިޑް-19 އާއި ގުޅިގެން މިދިޔަ އަހަރު އެ އަތޮޅަށް އިންކަމް ސަޕޯޓް އެލަވަންސްގެ ގޮތުގައި 1363 މީހަކަށް 20 މިލިއަން ރުފިޔާ ދެވިފައިވާ ކަމަށާއި އެސްއެމްއީ ލޯނު 21 ފަރާތަކަށް 28 މިލިއަން ރުފިޔާ ދެވިފައިވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

"އެ ރަނގަޅަށް އަތޮޅުތެރޭގައި، ރަށުތެރޭގައި ދައުރުވާކަމަށް ވާނަމަ މިއީ ވަރަށް ބޮޑު އެއްޗެއް. އަޅުގަނޑު ހިތުން ރަށްރަށް މި ހިފެހެއްޓުނީ މިކަހަލަ ކިތަންމެ ކަމެއް ހުރީމަ" ރައީސް ވިދާޅުވިއެވެ.

މި އެލަވެންސްތަކުގެ އިތުރުން އެކަނިވެރި މައިންނަށް، އަދި އުމުރުން ދުވަސްވީ މީހުންނަށް ދެމުން އަންނަ އެލަވެންސް ވެސް ރައީސް ފާހަގަކުރެއްވިއެވެ.

"އަޅުގަނޑުމެންނަށް ބަނޑަށް ނުޖެހި، ހާލުގައި ނުޖެހި މި ސަލާމަތްވެވުނީ އެހެން ހުރި އެއްޗެހިތަކެއްގެ ސަބަބުން ކޮވިޑް ތެރޭގައި. އެހެން ނޫންނަމަ ވަރަށް ދަތި ހާލަތަކަށް ގައުމު ދިޔައީސް. މި ހުރިހާ ކަމެއް ރޭވިފައި ހުރީމަ މި ސަލާމަތް ވެވުނީ" ރައީސް ވިދާޅުވިއެވެ.