Last Updated: April 24, 06:02
Wednesday, April 24, 2024
ޚަބަރު

ހުކުރު ދުވަހު ވަރުގަދަ މުޒާހަރާއެއް އޮންނާނެ: އިދިކޮޅު

އިދިކޮޅު އެއްވުމުގެ ތެރެއިން - ފޮޓޯ: ޕީޕީއެމް

އަންނަ ހުކުރު ދުވަހު ވެސް މުޒާހަރާ އޮންނާނެ ކަމަށާއި، އެ މުޒާހަރާ މާ ވަރުގަދަވާނެ ކަމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ބުނެފިއެވެ.

މިިދިޔަ ހުކުރު ދުވަހު ވެސް އިދިކޮޅުން މާލޭގައި މުޒާހަރާއެއް ބާއްވަން މަސައްކަތް ކުރި ނަމަވެސް ފުލުހުން ވަނީ އެ މުޒާހާރާ ބޭއްވުމަށް ހުރަސް އަޅައި 28 މީހަކު ހައްޔަރުކޮށްފައެވެ. ނަމަވެސް ފަހުން އެ ހުރިހާ ފަރާތްތަކެއް ވަނީ ދުކޮށްލާފައެވެ.

މިއަދު ޕީޕީއެމް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އިސްމާއިލް ވިދާޅުވީ މިދިޔަ ހުކުރު ދުވަހު ބޭއްވި މުޒާހަރާގެ ތެެރެއިން ފުލުހުން އަމަލުކުރި ގޮތުން ވަރަށް ބޮޑަށް މާޔޫސްވެފައިވާ ކަމަށެވެ. އަދި އަންނަ ހުކުރު ދުވަހު މާޒީގައި ބޭއްވި މުޒާހަރާތަކަށް ވުރެ މާ ވަރުގަދަ މުޒާހަރާއެއް އޮންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އަދި ކުއްލި ހާލަތުގައިވެސް ނުހިފެއްޓޭނެ ހައްގުތަކެއްވާ ކަމަށާއި އެގޮތުން އެއްވެ އުޅުމާއި ބަސް ބުނުން ފަދަ ހައްގުތައް ވެސް އެ ހާލަތުގައި ނުހިފެހެއްޓޭނެކަން ސަރުކާރުން ގަބޫލުކުރަންޖެހޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އިދިކޮޅުން މާލޭގައި މުޒާހަރާ ކުރަން ތައްޔާރުވަމުންދާއިރު ފުލުހުންނާއި ހޯމް މިނިސްޓްރީން ވެސް ވަނީ އެޗްޕީއޭގެ އެންގުންތަކާ ހިލާފަށް އެއްވުންތައް ބޭއްވުމަށް ފުރުސަތު ނުދޭނެ ކަމަށް ބުނެފައެވެ. އަދި އެ އެޗްޕީއޭގެ އެންގުމާ ހިލާފުވާ ފަރާތްތަކަށް ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށްވެސް ބުނެފައިވެއެވެ.

އިދިކޮޅުން މުޒާހަރާތައް ކުރަމުންދާއިރު މާލެ ސަރަހައްދުގައި ކޮވިޑް-19 ފެތުރުން ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އެގޮތުން މާލެ މިވަގުތު އޮތީ ލޮކްޑައުނަކަށް ދާންޖެހޭ ހާލަތުގައި ކަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމު ދާދިފަހުން ވަނީ ވިދާޅުވެފައެވެ.