Last Updated: March 28, 21:55
Thursday, March 28, 2024
ޚަބަރު

ކޮމިއުނިކޭޝަން މިނިސްޓްރީ ހިންގުން ވަގުތީ ގޮތުން ފައްޔާޒަށް

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް، މިނިސްޓަރ އޮފް ކޮމިއުނިކޭޝަންސް، ސައިންސް އެންޑް ޓެކްނޯލޮޖީ ވަގުތީގޮތުން ހިންގެވުމަށް މިއަދުން ފެށިގެން މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް ފައްޔާޟް އިސްމާޢީލާ ހަވާލުކުރައްވައިފިއެވެ.

ކޮމިއުނިކޭޝަން މިނިސްޓްރީ ހިންގުން ފައްޔާޒާއި ހަވާލުކުރެއްވީ، އެ މަގާމުގައި ކުރިން ހުންނެވި މުހައްމަދު މަލީހުގެ އިތުބާރު ނެތްކަމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކުރެއްވުމާ ގުޅިގެންނެވެ.

މިއީ މި ސަރުކާރުގެ ވަޒީރަކާއި ދެކޮޅަށް އެމްޑީޕީގެ ސުޕަމެޖޯރިޓީ މަޖިލީހުން އިތުބާރު ނެތްކަމުގެ ވޯޓުނަގާ މަގާމުން ދުރުކުރި ފުރަތަމަ ފަހަރެވެ.

މަލީހްގެ އިތުބާރު ނެތްކަމަށް ފާސްވެފައިވަނީ ވޯޓުގައި ބައިވެރިވި 59 މެމްބަރުންގެ ވޯޓުންނެވެ. އަދި މަލީހުގެ އިތުބާރު އޮތްކަމަށް އެއް މެމްބަރަކު ވޯޓު ދެއްވާފައިވެއެވެ. އަދި ވަކި ގޮތަކަށް ވޯޓު ނުދެއްވާ ހަތަރު މެމްބަރުން ތިއްބެވި އެވެ.

މަލީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވައްދާފައިވަނީ 14 މެމްބަރުންގެ ސޮޔާއި އެކުއެވެ.

އިތުބާރު ނެތްކަމުގެ މައްސަލައިގައި ޖަވާބު ދެއްވަމުން މަލީހް ވިދާޅުވެފައިވަނީ އިތުބާރު ނެތްކަމުގެ މައްސަލައަކީ ދޮގާ މަކަރާ ހީލަތުން ދައުލަތެއްގެ ވަޒީރެއްގެ ނަން ކިލަންބުކުރުމަށް ކުރިއަށްގެންދާ ޒާތީ މައްސަލައެއް ކަމަށެވެ. އަދި ވިދާޅުވީ ހަދާފައިނުވާ ކަމަށް ބުނާ ގަވައިދުތައް މިހާރު ހެދުމަށްފަހު އޭޖީ އޮފީހަށް ފޮނުވާފައިވާކަމަށެވެ.