Last Updated: April 23, 23:56
Tuesday, April 23, 2024
ވިޔަފާރި

އެސްޓީއޯ އިން ޕެޓްރޯލާއި ޑީސަލްގެ އަގު ބޮޑުކޮށްފި

އެފްއެސްއެމް ގައި ސައިކަލަކަށް ތެޔޮ އަޅަނީ - ފޮޓޯ: މިހާރު

އެސްޓީއޯ އިން ވިއްކާ ޕެޓްރޯލާއި ޑީސަލްގެ އަގު މިއަދުން ފެށިގެން ބޮޑުކޮށްފި އެވެ.

އެސްޓީއޯ އިން ނެރުނު ބަޔާނެއްގައި ބުނީ މީގެ ހަތަރު މަސް ކުރިން ދުނިޔޭގެ ބާޒާރުގައި ތެޔޮ ފީފާއެއްގެ އަގު ހުރި މިންވަރާ އަޅާބަލާއިރު މިހާރު ތެޔޮފީފާއެއްގެ އަގުވަނީ ދެގުނައަށް ބޮޑުވެފައި ކަމަށެވެ.

އަދި ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް މިއައި ބޮޑު ބަދަލާއެކު، އެ ކުންފުނިން ފޯރުކޮށްދެމުންދާ ތެލުގެ ޚިދުމަތް ދެމެހެއްޓެނިވި ގޮތެއްގައި ގެންދިއުމަށްޓަކައި މިއަދުން ފެށިގެން އެ ކުންފުނީގެ ސަބްސިޑިއަރީ ކުންފުނި ފިއުލް ސަޕްލައި މޯލްޑިވްސްގެ ޝެޑްތަކުން ވިއްކާ ތެލުގެ އަގަށް ބަދަލުތައް ގެނެސްފައިވާ ކަމަށް އެސްޓީއޯއިން ބުނެއެވެ.

މި ބަދަލާއެކު، މިއަދުން ފެށިގެން ޕެޓްރޯލް ލީޓަރެއް ލިބޭނީ 8.85ރ. އަށެެވެ. އިއްޔެއާ ހަމައަށް ޕެޓްރޯލް ލީޓަރެއް ވިއްކަމުން އައީ 8.44ރ. އަށެވެ. އަދި އިއްޔެއާ ހަމައަށް 9.19ރ. އަށް ވިއްކަމުން އައި ޑީސަލް ލީޓަރެއް މިއަދުން ފެށިގެން ލިބޭނީ 9.79ރ. އަށެވެ.

އެސްޓީއޯ އިން ވަނީ މިދިޔަ މަހުގެ ފަހުކޮޅު ވެސް ޕެޓްރޯލް އާއި ޑީސަލްގެ އަގު ބޮޑުކޮށްފައެވެ.