މިދިޔަ ފެބްރުއަރީ މަހު ރާއްޖެއަށް އެތެރެ ކުރި މުދަލާއި ރާއްޖެއިން ބޭރަށް އެކްސްޕޯޓުކުރި މުދަލުގެ އަގުގެ އިތުރުން ދައުލަތަށް ލިބުނު އާމްދަނީ ވެސް ދަށަށް ހިނގައްޖެއެވެ.
ކަސްޓަމްސް އިން ނެރުނު މިދިޔަ ފެބްރުއަރީ މަހުގެ ތަފާސް ހިސާބުތަކަށް ބަލާއިރު 2020 ވަނަ އަހަރުގެ ފެބްރުއަރީ މަހު ރާއްޖެ އަށް 3.8 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓްކޮށްފައިވާ އިރު މި އަހަރުގެ ފެބްރުއަރީ މަހު އެ އަދަދު ވަނީ 2.9 ބިލިއަން ރުފިޔާއަށް ވަނީ ދަށްވެފައެވެ. މިއީ 25 ޕަސެންޓުގެ ދަށްވުމެކެވެ.
މިދިޔަ މަހު އެންމެ ގިނައިން ރާއްޖެ އަށް މުދާ އެތެރެކޮށްފައިވަނީ ޔޫއޭއީންނެވެ. އެގޮތުން އިމްޕޯޓް ކުރި މުދަލުގެ 15 ޕަސެންޓަކީ އެ ގައުމުން އެތެރެކުރި މުދަލެވެ. ދެން އެންމެ ގިނައިން މުދާ އިމްޕޯޓުކޮށްފައިވަނީ ޗައިނާ އާއި އޮމާން އިންނެވެ.
މިދިޔަ މަހު ރާއްޖެ އިން އެކްސްޕޯޓް ކުރި މިންވަރު ވެސް ދަށްވެފައިވާއިރު، މިދިޔަ އަހަރުގެ ފެބްރުއަރީ މަހު 397 މިލިއަން ރުފިޔާގެ މުދާ ރާއްޖެ އިން އެކްސްޕޯޓްކޮށްފައިވާއިރު މި އަހަރު އެ އަދަދު ވަނީ 239 މިލިއަން ރުފިޔާއަށް ދަށްވެފައެވެ. މިއީ 40 ޕަސެންޓުގެ ދަށްވުމެކެވެ.
މިދިޔަ މަހު ރާއްޖެ އިން އެންމެ ގިނައިން މުދާ އެކްސްޕޯޓު ކޮށްފައިވަނީ ތައިލޭންޑަށެވެ. އެގޮތުން ރާއްޖެ އިން މިދިޔަ މަހު އެކްސްޕޯޓް ކުރި މުދަލުގެ 38 ޕަސެންޓް ބޭރުކޮށްފައިވަނީ އެ ގައުމަށެވެ.
މިދިޔަ މަހު ލިބުނު އާމްދަނީ ވަނީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާ ބަލާއިރު 15 ޕަސެންޓަށް ދަށްވެފައެވެ. އެގޮތުން މިދިޔަ އަހަރުގެ ފެބްރުއަރީ މަހު އާމްދަނީގެ ގޮތުގައި 300 މިލިއަން ރުފިޔާ ލިބުނުއިރު މިއަހަރުގެ އެ މުއްދަތުގައި ލިބިފައިވަނީ 256 މިލިއަން ރުފިޔާއެވެ.