Last Updated: April 24, 12:56
Wednesday, April 24, 2024
ވިޔަފާރި

ބީއެމްއެލްގެ މުވައްޒަފުންގެ އެހީ 3 ރަށަކަށް

ބީއެމްއެލް ގެ މުވައްޒަފުން އިސްނަގައިގެން 3 ރަށެއްގައި މުޖުތަަމައަށް އެހީތެރިވުމުގެ ހަރަކާތްތަކެއް ހިންގައިފިއެވެ. މި ހަރަކާތްތައް ކުރިޔަށް ގެންގޮސްފައިވަނީ ވ. ފެލިދޫ، ލ. ފޮނަދޫ އަދި ހދ. ކުޅުދުއްފުށީގައެވެ.

މިގޮތުން ވ. ފެލިދޫގެ ރައްޔިތުންގެ މެދުގައި މަގުބޫލު ފެލިދޫ މަސްފެންގަނޑު އޮންނަ ސަރަހައްދަށް ވަންނަން އޮންނަ މަގު ސާފުކޮށް މިސަރަހައްދަށް ފޮޓޯ ނެގުމާއި މަހަށް ކާންދިނުމަށް ޒިޔާރަތްކުރާ އެތައް އާއިލާއަކަށް ފަސޭހަވާނެހެން ވަނީ ބަދަލު ގެނެސްފައެވެ. މީގެ އިތުރުން ފޮޓޯ ނެގުމަށް މިސަރަހައްދަށް ޒިޔާރަތް ކުރާ ފަރާތްތަކަށް ފަސޭހައިން ބޭނުންކުރެވޭނެ ހާއްސަކޮށް ޕްލެޓްފޯމެއް ގާއިމްކުރުމުގެ މަސައްކަތްތައްވެސް ރޭވި، ވަރަށް އަވަހަށް އެކަމުގެ އަމަލީ މަސައްކަތް ފެށިގެންދާނެ ކަމަށް ބީއެމްއެލް އިން ބުނެއެވެ.

އަދި ލ. ފޮނަދޫ ބްރާންޗް ގެ މުވައްޒަފުން ވަނީ ރަށުގައި ހުންނަ ކުޑަކުދިންގެ ޕާކުގެ ވަށާ ފާރުގައި ކުލަލުމުގެ މަސައްކަތްވެސް ކޮށްފައެވެ. އަދި ހދ. ކުޅުދުއްފުށީގައި ވަނީ އަތިރިމަތީގައި ހާއްސަ ސަރަހައްދެއް ގާއިމްކޮށް މިސަރަހައްދަށް އަންނަ ފަރާތްތަކަށް ހިތް ފަސޭހަ މާހައުލެއް ގާއިމްކޮށް ދިނުމަށްޓަކައި އުނދޯއްޔާއި، ޖޯލީގެ އިތުރުން ބެންޗް ބަހައްޓާފައެވެ.

ބީއެމްއެލްގެ އަތޮޅު ތެރޭގެ ބްރާންޗްތަކާއި، ބީއެމްއެލްގެ ވޮލަންޓިައރުން އިސްނަގައިގެން ކުރިޔަށް ގެންދިޔަ މި ހަރަކާތްތަކަކީ މުޖުތަމައުގެ އުފަލާއި ހިިތްހަމަޖެހުމަށްޓަކައި ކުރެވިގެންދިޔަ ހަރަކާތްތަކެކެވެ. މި 3 ރަށުގައި ކުރެވިގެންދިޔަ މަސައްކަތްތަކުގައި ބީއެމްއެލްގެ 30 އަށް ވުރެ ގިނަ ވޮލަންޓިއަރުންވަނީ މަސައްކަތްކޮށްފައެވެ.

ކޮންމެ އަހަރަކު މާރިޗު މަހުގެ 20 ވަނަ ދުވަހު ދުނިޔޭގައި ފާހަގަ ކުރަމުން އަންނަ އިންޓަރނޭޝަނަލް ޑޭ އޮފް ހެޕިނަސްއާ ގުޅިގެން މިއަދު ހަރަކާތްތަކެއް ހިންގާފައިވާއިރު ބޭންކުގެ އަމާޒަކީ މި ފަދަ އިތުރު ހަރަކާތްތަކެއް މިއަހަރު ކުރިއަަށް ގެންދިޔުން ކަމަށް ބީއެމްއެލް އިން ބުނެއެވެ.

ބީއެމްއެލްގެ ވޮލަންޓިއަރުން މާލޭގެ އިތުރުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މަސައްކަތްކުރަމުންދެއެވެ. ގުދުރަތީ ކާރިސާ ތަކާއި އެކިއެކި ހާދިސާތަކުގައި އާންމުންނަށް އެހީތެރިވުމަށް އެ ވޮލަންޓިޔަރުން ހަރަކާތްތެރިވެއެވެ.