Last Updated: April 23, 23:56
Tuesday, April 23, 2024
ވިޔަފާރި

ހަނިމާދޫ އެއާޕޯޓު ތަރައްގީ ކުރުމުގެ މަސައްކަތް މިއަހަރު ފަށަނީ

ހަނިމާދޫ އެއާޕޯޓު ތަރައްގީކޮށް ނިމޭއިރު ހުންނާނެ ގޮތުގެ ކުރެހުމެއް - ފޮޓޯ: އިކޮނޮމިކް މިނިސްޓްރީ

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމުގެ އަމަލީ މަސައްކަތް މިއަހަރުގެ ތިންވަނަ ކުއާޓަރުގައި ފަށާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފިއެވެ.

އިކޮނޮމިކް މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މި މަޝްރޫއުގެ ބީލަން މަރުހަލާގެ ފުރަތަމަ ހަރުފަތް ކަމަށްވާ ކޮންޓްރެކްޓަރުން ޕްރީކޮލިފައިވުމަށް ހުށަހެޅުމަށް އިންޑިއާގެ އެކްސްޕޯޓު އިމްޕޯޓު ބޭންކުން މިއަދު ހުޅުވާލާފައިވާ ކަމަށެވެ.

މި މަޝްރޫއުއަކީ އިންޑިއާގެ އެގްޒިމް ބޭންކުގެ ލޯނު ފައިސާ އިން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ މަޝްރޫއުއެކެވެ.

މި މަޝްރޫއުގެ ދަށުން ހަނިމާދޫގައި 2460 މީޓަރުގެ އާ ރަންވޭއަކާއި، 111،000 އަކަފޫޓުގެ ޒަމާނީ ޓާމިނަލެއް ގާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި 624،000 އަކަފޫޓުގެ އޭޕްރަން އަކާއި ބައިނަލްއަގުވާމީ ދަތުރުތައް ފުޅާކުރުމަށް ބޭނުންވާ އެހެނިހެން ވަސީލަތްތައް ވެސް ގާއިމުކުރުމަށް ވަނީ ނިންމާފައެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ މި މަޝްރޫއު ނިމުމުން އެއާބަސް A320 އާއި ބޮއިންގް 737 މަރުކާގެ ބޯޓު ފަހަރަށް ހަނިމާދޫ އެއާޕޯޓުން ހިދުމަތް ދެވިގެންދާނެ ކަމަށެވެ. އަދި މެދުއިރުމައްޗާއި، ދެކުނު އޭޝިއާ އާއި، ދެކުނު އިރުމަތީ އޭޝިއާ އާއި އިރުމަތީ އެފްރިކާގެ ގައުމުތަކުން ސީދާ ފްލައިޓުތައް ހަނިމާދޫ އެއާޕޯޓަށް އޮޕަރޭޓް ކުރުމުގެ ގާބިލުކަން ވެސް ލިބިގެންދާނެ ކަމަށް މިނިސްޓްރީން ބުނެއެވެ.

މި އެއާޕޯޓުގެ ޓާމިނަލް ފަރުމާ ކުރެވިފައިވަނީ ދިވެހި ކަނޑުތަކުގައި ދިރިއުޅޭ މަޑި ސިފަވާނެ ފަދަ ދިވެހިވަންތަ ފަރުމާ އަކަށް ކަމަށާއި އެއާޕޯޓު ތަރައްގީ ކުރަނީ އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ހިދުމަތްދެވޭނެ ވަސީލަތްތަކާއެކުގައި ކަމަށްވެސް މިނިސްޓްރީން ހާމަކުރެއެވެ.

އަދި ހަނިމާދޫ އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއުއަކީ އުތުރުގައި ރިސޯޓުތަކާއި، ސިޓީ ހޮޓަލާއި ގެސްޓްހައުސް އިތުރުކޮށް، ފަތުރުވެރިކަން ފުޅާކުރުމަށް މުހިއްމު މަޝްރޫއުއެއް ކަމަށްވެސް މިނިސްޓްރީން ބުނެއެވެ.