Last Updated: April 20, 18:45
Tuesday, April 20, 2021
ޚަބަރު

ލާމަރުކަޒީ ނިޒާމަކީ އެމްޑީޕީގެ ހާއްޔެއް، އެ ހާއްޔަށް ޕީޕީއެމަށް ބިހެއް ނޭޅޭނެ

ލާމަރުކަޒީ ނިޒާމަކީ އެމްޑީޕީގެ ހާއްޔެއް ކަމަށާއި، އެ ހާއްޔަށް ޕީޕީއެމް އަށް ބިހެއް ނޭޅޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ނަޝީދު މިހެން ވިދާޅުވީ ރޭ ބ.އަތޮޅުގައި ބޭއްވި ރަށްވެހި ފަތިސް ކެމްޕެއިން ޖަލްސާގައި އޮންލައިންކޮށް ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ.

އެގޮތުން ނަޝީދު ވިދާޅުވީ ލާމަރުކަޒީ ނިޒާމަކީ އެމްޑީޕީގެ ހާއްޔެއް ކަމަށާއި އެ ނިޒާމު ބިނާކުރީ އެމްޑީޕީން ކަމަށްވާއިރު އެ ހާއްޔަށް ޕީޕީއެމަށް ބިހެއް ނޭޅޭނެ ކަމަށެވެ.

"ކޮވެލި ހެދިގެން އުޅޭނެ ކަމެއް ނެތް. ކާޅު ހާއްޔަކަށް ބިހެއް ނޭޅޭނެ، މިއީ އެމްޑީޕީގެ ހާއްޔެއް. މީގެއިން ކޮންމެ ނަރުފަށެއް، މީގެއިން ކޮންމެ ފަތްކޮޅެއް، މީގެއިން ކޮންމެ ފުއްގުނޑިއެއް ގެނެސް ތުނބުން ނަގާ ފިލުވާ ބޭންދީ އެމްޑީޕީ. މިއީ އަޅުގަނޑުމެންގެ ހާއްޔެއް، މި ހާއްޔަށް ބިސް އަޅުއްވަން އުޅުއްވާނެ ކަމެއް ނެތް" ނަޝީދު ވިދާޅުވިއެވެ.

މިދިޔަ ދެ އަހަރުތެރޭ ސަރުކާރުން ބ.އަތޮޅުގެ 13 ރަށަށް 173 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށާއި ސަރުކާރުގެ މަޝްރޫއުތައް ކުރިއަށްގެންދާ ބާރުމިނުގެ ވާހަކަ ދެއްކުމުގެ މާނައެއް ނެތް ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ. އަދި ބ.އަތޮޅުގައި މަޝްރޫއުތައް ހިންގައި، ތަރައްގީ ގެނެވުނު ނަމަވެސް ހާލީގެ ބޭނުން އޮޅިގެން ނުވާނެ ކަމަށާއި ކައުންސިލްގެ ހުރިހާ ގޮނޑިތަކެއް ރީނދޫ ކުރަންޖެހޭނެ ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.

ކައުންސިލް އިންތިހާބުގެ ކެމްޕެއިން ފޯރިއާއެކު ކުރިއަށްދާއިރު، އިންތިހާބު އޮންނާނީ އަންނަ ހޮނިހިރު ދުވަހުއެވެ.