Last Updated: April 20, 18:45
Tuesday, April 20, 2021
ޚަބަރު

ފުވައްމުލަކުގެ ނަރުދަމާގެ މަސައްކަތް ފަށައި، އާ އިންޖީނުގޭގެ ބިންގާ އަޅައިފި

ފުވައްމުލަކު ސިޓީގެ ނަރުދަމާ ނިޒާމުގެ ޢަމަލީ މަސައްކަތް ފަށައި، ފުވައްމުލަކު އައު އިންޖީނުގޭގެ ބިންގާ މިއަދު އަޅައިފިއެވެ.

ފުވައްމުލަކު ސިޓީގައި މިއަދު ހަވީރު ބޭއްވި މި ރަސްމިއްޔާތުގައި ފެނަކައިގެ ފަރާތުން ބިންގާ އަޅުއްވައިދެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދެވެ. މި ރަސްމިއްޔާތުގައި ވާޗުއަލްކޮށް ނައިބު ރައީސް ފައިސަލް ނަސީމް ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ނައިބު ރައީސް ވަނީ ފުވައްމުލަކު ސިޓީގައި ކުރިން އޮތް ނަރުދަމާ ނިޒާމާ އަދި އިންޖީނުގޭގެ ހުރި ދަތި އުނދަގޫތަކާއެކު ރައްޔިތުންނަށް ގިނަ ތަކުލީފުތަކަކާ ކުރިމަތިވަމުންދިޔަކަން ފާހަގަކުރައްވާފައެވެ. އެހެންނަމަވެސް މިއަދު ޢަމަލީ މަސައްކަތްފެށި މި ދެ މަޝްރޫޢާއެކު މި ދަތިތަކަށް ދާއިމީ ޙައްލެއް ލިބިގެންދާނެކަން ނައިބު ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

އަދި ފުވައްމުލަކުގައި މި ސަރުކާރުން ކުރިޔަށްގެންދަވާ އެކިއެކި މަޝްރޫޢުތަކަށް އިޝާރާތްކުރައްވައި ނައިބު ރައީސް ވަނީ ފުވައްމުލަކު ސިޓީގެ ތަރައްޤީއަށް ސަރުކާރުން ރާވާފައިވާކަންކަން ހުއްޓުމެއްނެތި ކުރިޔަށްގެންގޮސް ނިންމަވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.

މިއަދު މަސައްކަތްފެށި އެ ސިޓީގެ ނަރުދަމާ ނިޒާމުގެ މަޝްރޫޢު ދަށުން ވެކިއުމް ޕަމްޕުތަކާއި ވެކިއުމް ޗެމްބަރުތަކުގެ ވޭލުތައް ބަދަލުކުރުމާ އަދި މުޅިން އަލަށް މޮނިޓަރިން ނިޒާމެއް ޤާއިމުކުރެވޭނެއެވެ. މި މަޝްރޫޢުގެ މަސައްކަތް ނިންމުމަށް ހަމަޖެހިފައި ވަނީ މަސައްކަތް ފަށާތާ 6 މަސްދުވަހުގެ ތެރޭގައެވެ.

މިއަދު މަސައްކަތް ފެށި ފުވައްމުލަކު ސިޓީގެ އައު އިންޖީނުގޭގެ މަޝްރޫޢާއެކު އެ ރަށަށް ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމުގައި މިހާރު ކުރިމަތިވާ މައްސަލަތައް ޙައްލުވެ، ތަނުގެ ހިންގުމުގެ ޚަރަދުތަކަށްވެސް ލުއިކަން ލިބިގެންދާނެ ކަމަށް ފެނަކައިން ބުނެއެވެ.

ފުވައްމުލަކު ސިޓީގެ މިހާރުގެ އިންޖީނުގޭގެ ޖުމްލަ ކެޕޭސިޓީއަކީ 5.4 މެގަވޮޓެވެ. އައު އިންޖީނުގެ ޤާއިމުކުރަނީ 4 މެގަވޮޓްގެ 5 ޖަނަރޭޓަރުސެޓްގެ ޖާގަ ހިމެނޭގޮތަށް ޖުމްލަ 20 މެގަވޮޓްގެ ކެޕޭސިޓީ ޤާއިމުކުރެވޭގޮތަށެވެ. އެއާއެކު މި މަޝްރޫޢުގެ ދަށުން 8 ޓްރާންސްފޯމަރު ބެހެއްޓުމާއި، ޖުމްލަ 21 ކިލޯމީޓަރުގެ މީޑިއަމް ވޯލްޓޭޖުގެ ކޭބަލް އެޅުމާއި، އައު ފިއުލް ސްޓޯރޭޖް ޓޭންކުތައް ޤާއިމުކުރުމަށް ހަމަޖެހިފައިވެއެވެ.

މަސައްކަތް ފަށާތާ 18 މަސްދުވަހުގެ ތެރޭގައި މަސައްކަތް ނިންމުމަށް ހަމަޖެހިފައިވާ މި މަޝްރޫޢުގެ މަސައްކަތްތައް ނިމޭއިރު ފުވައްމުލަކު ސިޓީއަށް ކުރިޔަށް އޮތް 30 ނުވަތަ 40 އަހަރަށް ދަތިނުވެ ބޭނުންވާ ވަރަށް ކަރަންޓުގެ ޚިދުމަތް ދިނުމުގެ ޤާބިލުކަން ހުންނާނެއެވެ.