Last Updated: April 19, 22:45
Friday, April 19, 2024
ޚަބަރު

މުއިއްޒު ޖަލަށްލުމަކީ، މާލޭގެ ރައްޔިތުން ޖަލަށްލުން: އަދުރޭ

މާލޭ ސިޓީގެ މޭޔަރު ކަމަށް އިންތިހާބުވެފައިވާ ޕީޕީއެމްގެ ނައިބު ރައީސް ޑރ.މުހައްމަދު މުއިއްޒު ޖަލަށްލައިފިނަމަ އެ ލެވެނީ މާލޭގެ ރައްޔިތުން ވެސް ޖަލަށް ކަމަށް އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

ނޫމަޑި މައްސަލައާ ގުޅިގެން މުއިއްޒުގެ މައްޗަށް ދޮގު ބަޔާން ދިނުމުގެ ދައުވާ މިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގައި ދައުލަތުން ވަނީ އުފުލާފައެވެ. އެ ދައުވާ ސާބިތުވެއްޖެނަމަ މުއިއްޒަށް ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް އަންނާނެއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަދުރޭ ވިދާޅުވީ މި ސަރުކާރުން ކޮންމެ ފަދަ ކަމެއްވެސް ކޮށްފާނެ ކަމަށާއި މުއިއްޒު ޖަލަށްލާނަމަ އެކަމަކީ ބޭއިންސާފުން ކުރާނެ ކަމެއް ކަމަށެވެ. އަދި އެއީ ނުކުރާނެ ކަމެކޭ ދަންނަވަން ބޭނުންވާ ނުވާ ކަމަށާއި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ވަޒީރުން މަސައްކަތް ކުރައްވާފައި ހުންނާނީ ގާބިލުކަމާއި ސާބިތުކަމާއެކީގައި ކަމަށްވެސް އަދުރޭ ވިދާޅުވިއެވެ.

އަދި މިއަދު ރާއްޖޭގެ ބަލާލި ކޮންމެ ދިމާލަކުން ވެސް ފެންނަނީ ޔާމީންގެ ޓީމުން ކުރެއްވި މަސައްކަތް ކަމަށާއި ހުރިހާ ދާއިރާއަކަށް އިންގިލާބީ ހެޔޮ ބަދަލުތަކެއް އައިސްފައިވަނީ އިހުލާސްތެރިކަމާއި ތެދުވެރިކަމާއެކު މަސައްކަތް ކުރުމުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"އެހެންވީމަ މުއިއްޒު މި ހޯއްދެވި ކާމިޔާބީއާ ގުޅިގެން މުއިއްޒު ޖަލަށްލައިފިއްޔާ، މާލޭގެ ރައްޔިތުން އެ ޖަލަށްލަނީ" އަދުރޭ ވިދާޅުވިއެވެ.

ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ބުނީ މި ދައުވާ މުއިއްޒުގެ މައްޗަށް އުފުލާފައިވަނީ 2019 ވަނަ އަހަރުގެ ޖޫން މަހުގެ 25 ވަނަ ދުވަހު ނޫމަޑި ރިސޯޓްސް އެންޑް ރެސިޑެންސަން އޭޖީ ނަމަކަށް ކިޔާ ކުންފުންޏަކުން (ނޫމަޑި) އިން ދިވެހި ސަރުކާރާ ދެކޮޅަށް ނެދަލޭންޑްސްގެ ދަހޭގްގައި ހުންނަ ޕާމަނަންޓް ކޯޓް އޮފް އާބިޓްރޭޝަންއަށް ހުށަހަޅާފައިވާ މައްސަލާގައި އެކުންފުނީގެ ހެކިވެރިއަކަށްވެ ދޮގު ބަޔާން ދޮގު ބަޔާނެއް ދެއްވާފައިވާތީ ކަމަށެވެ.

އެގޮތުން ހައުސިންގ ޔުނިޓް މަޝްރޫއާ ގުޅިގެން ނޫމަޑިއާއެކު ދިވެހި ސަރުކާރުން 2011 ވަނަ އަހަރު ވެފައިވާ ފޭސް 1 ގެ އެއްބަސްވުމާއި 2013 ގައި ވެފައިވާ ފޭސް 2 ގެ އެއްބަސްވުމުގެ މަސައްކަތް އެކުންފުނިން ޝެޑިއުލްއާ އެއްގޮތަށް ލަސްތަކެއްނުވެ ކުރަމުން ގެންދިޔަކަމަށް ބުނެ، އަދި ނޫމަޑިއަށް ލަގްޒަރީ ވިލާ އެޅުމަށް ދިވެހި ސަރުކާރުން ދޫކޮށްފައިވާ ޅ. ދިއްފުށިމާދޫ ސަރުކާރުގެ ބޭނުމަށް ނެގުމުގެ މަޝްވަރާގައި ބައިވެރިވެފައިނުވާކަމަށް ބުނެ، މުއިއްޒު ދޮގު ބަޔާނެއް ދެއްވާފައިވާ ކަމަށްވެސް ޕީޖީ އޮފީހުން ބުނެއެވެ.