Last Updated: April 23, 18:00
Tuesday, April 23, 2024
ދުނިޔެ

ދެ ހަރަމްގައި ކުރާ ތަރާވީހް ނަމާދު 10 ރަކުއަތަށް ކުރު ކުރަން އަންގަވައިފި

ރަމަޟާން މަހު މަސްޖިދުލް ހަރަމާއި މަސްޖިދުލް ނަބަވީގައި ކުރާ ތަރާވީހް ނަމާދު ކުރު ކުރަން ސައުދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ސަލްމާން ބިން އަބްދުލް އަޒީޒު އަންގަވައިފިއެވެ.

ދެ ހަރަމްގެ ކަންކަން ބަލަހައްޓާ އޮފީހުގެ ރައީސް ޝެއިޚް އަބްދުއްރަހްމާން އަލް ސުދައިސް ވިދާޅުވީ ތަރާވީހް ނަމާދު މިފަހަރު 20 ރަކުއަތުން 10 ރަކުއަތަށް ކުރު ކުރުމަށް ނިންމާފައިވާ ކަމަށާއި އަދި ތަރާވީހް ނަމާދު ކުރިއަށްގެންދާނީ ކޮވިޑް-19 އިން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތަކާއެކުގައި ކަމަށެވެ.

އަދި ދެ ހަރަމްގައި ރައްކާތެރި މާހައުލެއްގައި އަޅުކަން ކުރެވޭނެ އިންތިޒާމުތައް ހަމަޖެއްސުމަށް ސައުދީގެ ރަސްގެފާނާއި ވަލީއަހުދު މުހައްމަދު ބިން ސަލްމާން ވަރަށް ބޮޑު އެއްބާރުލުމެއް ދެއްވަމުން ގެންދަވާ ކަމަށްވެސް ސުދެއިސް ވިދާޅުވިއެވެ.

ސައުދީގެ ކަމާބެހޭ ފަރާތްތަކުން ވަނީ މިދިޔަ އަހަރުގެ ރޯދަ މަހާއި ހިލާފަށް މިއަހަރުގެ ރޯދަ މަހު ދެ ހަރަމްގައި އުމްރާވުމުގެ އިތުރުން ނަމާދު ކުރުމުގެ ފުރުސަތު ދިނުމަށް ނިންމާފައެވެ. ނަމަވެސް ދެ ހަރަމްގައި ރޯދަ ވީއްލުމާއި އިއުތިކާފަށް ތިބުން ވަނީ މަނާކޮށްފައެވެ.

މިއަހަރުގެ ރޯދަ މަހުގެ ފުރަތަމަ ދުވަހަކީ މާދަމާ އެވެ.