Last Updated: March 29, 14:00
Friday, March 29, 2024
ޚަބަރު

ވެކްސިން ޖައްސަވަން ޔާމީން އިންކާރު ކުރައްވައިފި

ކޮވިޑް-19 ގެ ވެކްސިން ޖައްސަވަން ފަސް އަހަރަށް ޖަލަށްލާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އިންކާރު ކުރައްވައިފިއެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ މީޑިއާ އޮފިޝަލް "އައްޑޫލައިވް" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މިރޭ 9:40 ހާއިރު ޔާމީން މާލެ ގެނައި ކަމަށާއި އެމަނިކުފާނު ގެނެސްފައިވަނީ ވެކްސިން ޖެއްސެވުމަށް ކަމަށެވެ.

ނަމަވެސް ވެކްސިން ޖެއްސެވުމަށް ޔާމީން އިންކާރު ކުރެއްވުމުން މިހާރު އަލުން އަނބުރާ ޖަލަށް ގެންގޮސްފައިވާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

ވެކްސިން ޖައްސަވަން ޔާމީން އިންކާރު ކުރެއްވި ކީއްވެގެންތޯ ސުވާލުކުރުމުން އޮފިޝަލް ވިދާޅުވީ އެކަން އިނގޭނީ ޔާމީނަށް ކަމަށާއި އެކަމާ ގުޅޭ އިތުރު ތަފްސީލެއް ލިބިފައި ނެތް ކަމަށެވެ.

ޔާމީން މިރޭ މާލެ ގެނައިރު އެމަނިކުފާނު ގެޔަށް ބަދަލުކުރުމާ ގުޅޭގޮތުން މަޝްވަރާތައް ކުރިއަށްދާކަމަށް ކަރެކްޝަނަލް ސާވިސްއިން ވަނީ ބުނެފައެވެ.

މިދިޔަ ހޯމަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެސް ވަނީ ރައީސް ޔާމީން ގެޔަށް ބަދަލުކުރުމާ ގުޅޭގިޮތުން މަޝްވަރާތައް ކުރިއަސްދާކަން ހާމަކުރައްވާފައެެވެ.

ރައީސް ސޯލިހް ވިދާޅުވީ، ރައީސް ޔާމީންގެ އަނބިކަނބަލުން ސިޓީއެއް ފޮނުވާފައިވާކަމަށާއި، އެސީޓީގައި ރައީސް ޔާމީންގެ ސިއްހީ ހާލަތާއި ގުޅޭގޮތުންވެސް ކަންކަން ފާހަގަކޮށްފައިވާކަމަށެވެ. އަދި ރައީސް ޔާމީނަށް ދެރަގޮތެއް ނުވާނެ ކަމަށް ވެސް ރައީސް ސޯލިހް ވިދާޅުވިއެވެ.