Last Updated: March 28, 19:01
Thursday, March 28, 2024
ޚަބަރު

ނިޒާމު ބަދަލުކުރާނަމަ މަޖިލިސް ޖެހޭނީ އަލުން ހޮވަން: އިބްރާ

ވެރިކަމުގެ ނިޒާމު ބަދަލުކުރާނަމަ ރައްޔިތުންގެ މަޖިލިސް ޖެހޭނީ އަލުން އިންތިހާބު ކުރަން ކަމަށް ރައްޔިތުންގެ ހާއްސަ މަޖިލީހުގެ ކުރީގެ މެމްބަރު އިބްރާހިމް އިސްމާއިލް (އިބްރާ) ވިދާޅުވެއްޖެއެވެ.

އިބްރާ މިހެން ވިދާޅުވެފައިމިވަނީ ވެރިކަމުގެ ނިޒާމު ބަރުލަމާނީ އަށް ބަދަލުކޮށް ބޮޑުވަޒީރެއްގެ ގޮތުގައި ގައުމު ހިންގަން ބޭނުންފުޅުވާކަން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ދަންނަވާފައިވާ ދަނޑިވަޅެއްގައެވެ.

އެކަމާ ގުޅިގެން އިބްރާ ވިދާޅުވީ މިދިޔަ މަޖިލިސް އިންތިހާބުގައި މައްޗަންގޯޅި އުތުރު ދާއިރާގެ މެމްބަރު ކަމަށް މުހައްމަދު ރަޝީދު (ބޯދިގު) އިންތިހާބު ކުރަން ވޯޓު ދެއްވީ މިހާރު އޮތް ރިޔާސީ ނިޒާމުގައި ގާނޫނު ހަދާ މަޖިލީހުގައި ހުންނެވުމަށް ކަމަށެވެ. އެގޮތުން އެއީ ބޮޑުވަޒީރަކު ހޮވައިގެން ވެރިކަން ހިންގުމުގައި އުޅެން ދިން ވޯޓެއް ނޫން ކަމަށް އިބްރާ ވިދާޅުވިއެވެ.

"ނިޒާމު ބަދަލުކުރާނަމަ މަޖިލިސް ޖެހޭނީ އަލުން ހޮވަން. ތިޔަތާކު ނެތް ވަޒީރުކަން ހަވާލު ކުރެވޭނެ އެކަކުވެސް" އިބްރާ ވިދާޅުވިއެވެ.

އަދި ރައްޔިތުން ނިންމާފައި އޮތް ކަމެއް ބަދަލު ނުކުރެވޭނެ ކަމަށާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު މިހާރު އުޅުއްވަނީ ހައިސިއްޔަތު އޮޅިގެން ކަމަށެވެ. އެގޮތުން ނަޝީދު މަޖިލީހުގައި އިންނެވީ އެންމެ ދާއިރާއެއް ތަމްސީލުކުރަން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ނަޝީދަކީ ބަރުލަމާނީ ނިޒާމަށް ވަރަށް ބޮޑަށް ތާއީދުކުރައްވާ ބޭފުޅެއް ކަމަށްވާއިރު، އެމަނިކުފާނު މީގެކުރިން ވަނީ ރައީސް ސޯލިހަށް ވެރިކަމުގެ ދެވަނަ ދައުރެއް ލިބުމުގެ އެންމެ ކަށަވަރު މަގަކީ ބަރުލަމާނީ ނިޒާމު ކަމަށްވެސް ވިދާޅުވެފައެވެ.

މިއީ ބަރުލަމާނީ ނިޒާމަކަށް ރާއްޖޭގެ ވެރިކަމުގެ ނިޒާމު ފުރޮޅާލަން ބޭނުންވާކަން ރަސްމީކޮށް ނަޝީދު، ރައީސް ސޯލިހަށް ދެންނެވި ފުރަތަމަ ފަހަރެވެ.