Last Updated: April 25, 09:23
Thursday, April 25, 2024
ޚަބަރު

ނަޝީދާއި އެންމެ ގުޅެނީ މަގުމަތީގައި މުޒާހަރާ ކުރުން: އިޔާޒު

ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދާއި އެންމެ ގުޅެނީ މަގުމަތީގައި މުޒާހަރާ ކުރުން ކަމަށް ދީނީ އިލްމުވެރިޔާ ޑރ.މުހައްމަދު އިޔާޒު ވިދާޅުވެއްޖެއެވެ.

އިޔާޒު މިހެން ވިދާޅުވީ ވެރިކަމުގެ ނިޒާމު ބަރުލަމާނީ އަށް ބަދަލުކޮށް ބޮޑުވަޒީރެއްގެ ގޮތުގައި ގައުމު ހިންގަން ބޭނުންފުޅުވާކަން ރައީސް ނަޝީދު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ދަންނަވާފައިވާ ދަނޑިވަޅެއްގައެވެ.

އެގޮތުން އިއްޔެ ރައީސަށް ފޮނުއްވި މެސެޖެއްގައި ނަޝީދު ވަނީ އަންނަ އަހަރު ފެބްރުއަރީ މަސް ތެރޭގައި ނިޒާމު ބަދަލުކޮށް މަޖިލީހުން ސަރުކާރު އެކުލަވާލުމަށާއި އަދި 2023 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބު ނުބޭއްވުމަށް އެދިވަޑައިގެންފައެވެ.

އެކަމާ ގުޅިގެން އިޔާޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ތިމާ ބޭނުންވާހާ ގޮތެއް އެއީ އެންމެ ރަނގަޅު ގޮތް ކަމުގައި ނުވެދާނެ ކަމަށާއި ކޮންމެ މީހަކު ވެސް ކުރިމަތިލާން ވާނީ އެމީހަކަށް ކުރެވޭ ވަރުގެ ކަމަކާއި ކަމަށެވެ.

"ނަޝީދާއި އެންމެ ގުޅެނީ މަގުމަތީ ސަކަރާތް ޖަހައި، މުޒާހަރާ ކުރުން" އިޔާޒު ވިދާޅުވިއެވެ.

ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރަން ނަޝީދު އެދިވަޑައިގެންފައިވާއިރު، އެމަނިކުފާނަށް ތާއީދުކުރައްވާ ސަޕޯޓަރުން މިހާރު އަންނަނީ ބަރުލަމާނީ ނިޒާމު ގެންނަން ސޯޝަލް މީޑިއާގައި ކެމްޕެއިން ކުރަމުންނެވެ.

ވެރިކަމުގެ ނިޒާމު ބަރުލަމާނީ އަށް ބަދަލުކުރުމާ ގުޅޭގޮތުން ރައީސް ސޯލިހު ވަނީ މިދިޔަ އަހަރުގެ މެދުތެރޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅުދައްކަވާފައެވެ. އެގޮތުން ރައީސް ވަނީ މިވަގުތު ބަރުލަމާނީ ނިޒާމަކަށް ދިއުމާއި މެދު ނުވިސްނަވާ ކަމަށާއި، ހުރިހާ ވަގުތެއް ހުސްކުރަން ބޭނުން ވަނީ ވައުދުތައް ފުއްދުމަށް ކަމަށް ވިދާޅުވެފައެވެ.

އަދި ވެރިކަން ކުރާ ނިޒާމަކާމެދު ރައްޔިތުން މީގެކުރިން ގޮތެއް ނިންމާފައިވާ ކަމަށާއި އަދި އެ ނިޒާމު ބަދަލުކުރަން އެއްވެސް އިރެއްގައި ދެންވެސް ބޭނުން ވެއްޖެނަމަ އަނެއްކާވެސް ރައްޔިތުންގެ ގާތަށް ދާން ޖެހޭނެ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.