Last Updated: March 29, 14:00
Friday, March 29, 2024
ޚަބަރު

މަސް ދޯނިތަކުގައި ބިދޭސީން ގެންގުޅުމުގެ ހުއްދަ ދީފި

މަސްވެރިކަން ކުރާ ދޯންޏެއް- ފޮޓޯ: މިފްކޯ

މަސް ދޯނިފަހަރުގައި ބިދޭސީ މަސައްކަތްތެރިން ގެންގުޅެން މިނިސްޓްރީ އޮފް ފިޝަރީޒް އިން މިއަދު ހުއްދަ ދީފިއެވެ.

މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ މަސްވެރިކަން ކުރުމުގައި ގަވައިދާ ހިލާފަށް ބިދޭސީން ހަރަކާތްތެރިވާ މައްސަލާގައި ސަރުކާރުގެ ކަމާބެހޭ ފަރާތްތަކާއި އޮޑިވެރިން އަދި އެ ސިނާއަތުގައި މަސައްކަތްކުރާ މީހުންނާ މަޝްވަރާ ކުރުމަށް ފަހު، ދޯނި ފަހަރުގައި ކުރާ ބައެއް މަސައްކަތްތަކަށް ދިވެހިން ނުލިބުމުގެ ދަތިކަން އޮތްކަމަށް ފާހަގަވާ ކަމަށެވެ.

އެގޮތުން ދޮށީގެ އަދި ބޮޑުކަންނެލީގެ މަސްވެރިކަމުގައި މިހާރު ވެސް ބިދޭސީން ގައިވައިދާ ހިލާފަށް ހަރަކާތްތެރިވަމުން ދިޔުމުގެ ސަބަބުން ރާއްޖޭގައި ކުރާ މަސްވެރިކަމަކީ ގާނޫނާއި ގަވައިދާ ހިލާފު މަސްވެރިކަމެއްގެ ގޮތުގައި ސިފަކުރެވިދާނެ ކަމުގެ ކަންބޮޑުވުން ބޭރުގެ ބޮޑެތި ރީޓެއިލަރުން ފާޅުކުރަމުންދާ ކަމަށް މިނިސްޓްރީން ބުނެއެވެ.

އެހެންކަމުން މަސްވެރިކަމުގެ ސިނާއަތުގެ މަންފާއަށް ޓަކައި ވަކި ހަމަތަކެއްގެ މަތިން މަސްވެރިކަން ކުރާ އުޅަނދުފަހަރުގައި، ސީދާ މަސްވެރިކަން ކުރުމުގައި ބައިވެރިވުން ނުހިމެނޭ ގޮތަށް ބިދޭސިންނަށް ހަރަކާތްތެރިވުމުގެ ހުއްދަ ދޭން ނިންމާފައިވާ ކަމަށް މިނިސްޓްރީން ހާމަކުރެއެވެ.

އެގޮތުން މަސްވެރިކަމުގެ ގާނޫނުގެ ދަށުން ހަދާފައިވާ މަސްވެރިކަމުގެ އާންމު ގަވައިދުގެ 13 ވަނަ މާއްދާގެ ދަށުން މަސްވެރިކަން ކުރާ އުޅަނދުފަހަރުގައި ސަރުކާރުގެ ކަމާ ގުޅޭ އުސޫލުތަކާ އެއްގޮތަށް އެ އުޅަނދެއްގައި މަސައްކަތްކުރަން ހޯދާ ވޯކް ޕާމިޓެއްގެ ދަށުން ދެ ބިދޭސިންނަށް ހަރަކާތްތެރިވުމުގެ ފުރުސަތު ވަނީ ފަހިކޮށްދީފަ އެވެ.

މިގޮތުން މަސްވެރިކަން ކުރާ އުޅަނދުފަހަރުގައި ހަރަކާތްތެރިވުމަށް ބިދޭސިންނަށް ހުއްދަ ދިނުމަށް ހަމަޖެހިފައި ވަނީ ކައްކާއެއް ނުވަތަ ދޯނި ފޮޅާ ސާފުކުރާ ނުވަތަ ބަލަހައްޓާ މީހެއްގެ ގޮތުގަ އެވެ. އަދި ބިދޭސިންނަށް ހަރަކާތްތެރިވުމުގެ ހުއްދަ ދޭނީ ހަމަ އެކަނި އެކްސްޕޯޓު ކުރުމަށް ނުވަތަ އެކްސްޕޯޓުކުރާ ފަރާތަކަށް ވިއްކުމަށް މަސްވެރިކަން ކުރުމުގެ ލައިސަންސް ނަގައިގެން ދޮށީގެ ނުވަތަ ބޮޑުކަންނެލީގެ މަސްވެރިކަމުގައި ހަރަކާތްތެރިވާ އުޅަނދުފަހަރަށް ކަމަށް މިނިސްޓްރީ އިން ބުންޏެވެ.