Last Updated: April 25, 12:03
Thursday, April 25, 2024
ޚަބަރު

ސަލްމާ ގަޔަށް ލޭ އެޅުން މެދުކެނޑުމެއް ނެތި ކުރިއަށް ގެންދިޔަ: އޭޑީކޭ

މިދިޔަ ފެބްރުއަރީ މަހު އޭޑީކޭ ގައި ވިހެއުމަށް ފަހު ނިޔާވި ސަލްމާ ނަސީރުގެ ގަޔަށް ލޭ އެޅުން މެދުކެނޑުމެއް ނެތި ކުރިއަށް ގެންގޮސްފައިވާނެ ކަމަށް އޭޑީކޭ ހޮސްޕިޓަލުން ބުނެފިއެވެ.

ސަލްމާ ނިޔާވި މައްސަލަ ތަހުގީގުކޮށް، އޭނާގެ ފިރިމީހާއަށް ހެލްތު މިނިސްޓްރީން ފޮނުވި ތަހުގީގު ރިޕޯޓެއްގައި ބުނެފައި ވަނީ ވިހެއުމަށްފަހު ސަލްމާގެ ހަށިގަނޑުން ވަރަށް ގިނައިން ލޭ ބޭރުވި ނަމަވެސް ހޮސްޕިޓަލުން ލޭ އަޅައިފައި ވަނީ އޭނާ ވިހެއިތާ ތިން ގަޑިއިރު ފަހުން ކަމަށެވެ.

މިކަމާ ގުޅިގެން އޭޑީކޭ ހޮސްޕިޓަލުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ސަލްމާގެ ވިހެއުމުގެ ކަންކަން ކުރިއަށް ގޮސްފައިވަނީ އާންމުކޮށް ވިހެއުމުގައި ބަލާ މިންގަނޑުތަކާ އެއްގޮތަށް ކަމަށާއި ނަމަވެސް ވިހެއުމަށްފަހު އާންމުކޮށް ލޭ އަންނަ ވަރަށްވުރެ ގިނައިން ލޭ އަންނަކަން ފާހަގަކުރެވިގެން އެކަމާ ގުޅޭ މެޑިކަލް ފަރުވާތައް ވަގުތުން ފަށައި ކުރިއަށް ގެންގޮސްފައިވާނެ ކަމަށެވެ.

މިގޮތަށް ލޭ މަނާކުރުމަށް މިފަދަ ހާލަތްތަކުގައި ދެވޭ ބޭސް އަދި ގައިނަކޮލޮޖިކަލް ފަރުވާ އަށް ހުއްޓުމެއް ނެތި ކުރިއަށް ގެންގޮސްފައިވާނެ ކަމަށާއި ނަމަވެސް ލޭ ފޭބުން ކޮންޓްރޯލް ނުވެ ކުރިއަށްދާތީ ލޭ އެޅުމަށް ކުރަންޖެހޭ މަސައްކަތްތައް ފަށައި ކުރިއަށް ގެންގޮސް އަޅަން ބޭނުންކުރާ ލޭގެ ރައްކާތެރިކަން ކަށަވަރުވުމާއެކު ލޭ އަޅަން ފަށާފައިވާ ކަމަށް އޭޑީކޭ އިން ބުނެއެވެ.

"ނަމަވެސް ޕޭޝަންޓުގެ ހާލަތު އިތުރަށް ގޯސްވުމުން ލޭ މަނާކުރުމަށްޓަކައި ރަހިމު ނެގުމުގެ އޮޕަރޭޝަނެއް ވެސް ވާނީ ފަށާފައި. އަދި ލޭ އެޅުން މެދުކެނޑުމެއް ނެތި ވާނީ ކުރިއަށް ގެންގޮސްފައި. މިގޮތުން ކުރެވުނު މަސައްކަތާއެކު ވެސް ލޭގެ ޕްރެޝަރު ނުހިފެހެއްޓި ދަށަށް ގޮސް ކާޑިއެކް އެރެސްޓަކަށް ދިޔަ. ކާޑިއެކް އެރެސްޓާއި ގުޅިގެން ސީޕީއާރް ދެވުނު ނަމަވެސް ސަލްމާގެ ފުރާނަ ސަލާމަތް ކުރެވޭ ގޮތް ވަނީ ނުވެފައި" އެ ބަޔާނުގައި ވެއެވެ.

އޭޑީކޭ އިން ބުނީ ސަލްމާގެ ފަރުވާ ކަންކަން ކުރިއަށްދިޔައިރު ހާލަތާއި ގުޅޭ މައުލޫމާތާއި ދެވެމުންދާ ފަރުވާގެ މައުލޫމާތު ވަގުތުން ވަގުތަށް އާއިލާއާ ހިއްސާކޮށްފައިވާނެ ކަމަށެވެ. އެގޮތުން ސަލްމާ އަށް ފަރުވާ ދިނުމަށް ހަރަކާތްތެރިވި މެޑިކަލް ޓީމުން ހުރިހާ ވަގުތެއްގައި ވެސް ދޭން ޖެހުނު ފަރުވާތައް ފަރުވާތެރިކަމާއެކު ދީފައިވާނެ ކަމަށްވެސް ބުނެފައިވެއެވެ.

"ވިހެއުމުގެ ތެރޭގައި މަރުވާ މައިންގެ އަދަދު ޒަމާނީ ބޭސްވެރިކަމުގެ ސަބަބުން ރާއްޖޭގައި ވަނީ ވަރަށް ބޮޑަށް ދަށްކުރެވިފައި. ނަމަވެސް މެޑިކަލް ބޮޑެތި ކޮމްޕްލިކޭޝަންތަކުގައި އެދެވިގެންވާ ފަރުވާ ދެވުނަސް ކާމިޔާބު ނުވުމަކީ ބައެއް ހާލަތްތަކުގައި ވާ ކަމެއް" އޭޑީކޭ އިން ބުނެއެވެ.

ސަލްމާ ނިޔާވުމުގެ ހިތާމައިގައި ބައިވެރިވާ ކަމަށާއި އަދި މިފަދަ ހާދިސާއެއް ތަކުރާރުވިޔަ ނުދިނުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކެނޑިނޭޅި ކުރަމުންދާނެ ކަމުގެ ޔަގީންކަން އޭޑީކޭ އިން ވަނީ އަރުވާފައެވެ.