Last Updated: March 29, 09:42
Friday, March 29, 2024
ޚަބަރު

ޔާމީން ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒު ޖައްސަވައިފި

ކުރީގެ ރައީސް އަބްދުﷲ ޔާމީން - ފޮޓޯ: މިހާރު

ކުރީގެ ރައީސް އަބްދުﷲ ޔާމީން ކޮވިޑް-19 އިން ދިފާއުވުމުގެ ވެކްސިންގެ ފުރަތަމަ ޑޯޒު ޖައްސަވައިފިއެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ބުނީ މިިރޭ 9:30 ހާއިރު ޔާމީން މާލެ ގެނެސް، ވެކްސިންގެ ފުރަތަމަ ޑޯޒު ޖައްސަވާފައިވާ ކަމަށެވެ.

މިދިޔަ ހަފްތާގެ ބުދަ ދުވަހު ވެސް ޔާމީން ވެކްސިން ޖެއްސެވުމަށް މާލެ ގެނެސްފައިވެއެވެ. ނަމަވެސް އެ ދުވަހު ވެކްސިން ޖައްސަވަން ޔާމީން އިންކާރު ކުރެއްވި ކަމަށް ކަރެކްޝަންސް އިން ބުނި ނަމަވެސް އެ ވާހަކަތައް ޔާމީންގެ ގާނޫނީ ވަކީލުން ވަނީ ދޮގުކޮށްފައެވެ.

ޔާމީން ވެކްސިން ޖައްސަވާފައިވާއިރު އެމަނިކުފާނު ގެޔަށް ބަދަލުކުރުމާ ގުޅޭގޮތުން މަޝްވަރާތައް މިހާރު އަންނަނީ ކުރަމުންނެވެ.

އެގޮތުން މިދިޔަ ހޯމަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެސް ވަނީ ރައީސް ޔާމީން ގެޔަށް ބަދަލުކުރުމާ ގުޅޭގިޮތުން މަޝްވަރާތައް ކުރިއަށްދާކަން ހާމަކުރައްވާފައެެވެ.

ރައީސް ސޯލިހް ވިދާޅުވީ، ރައީސް ޔާމީންގެ އަނބިކަނބަލުން ސިޓީއެއް ފޮނުވާފައިވާކަމަށާއި، އެސީޓީގައި ރައީސް ޔާމީންގެ ސިއްހީ ހާލަތާއި ގުޅޭގޮތުންވެސް ކަންކަން ފާހަގަކޮށްފައިވާކަމަށެވެ. އަދި ރައީސް ޔާމީނަށް ދެރަގޮތެއް ނުވާނެ ކަމަށް ވެސް ރައީސް ސޯލިހް ވިދާޅުވިއެވެ.