Last Updated: April 24, 10:13
Wednesday, April 24, 2024
ޚަބަރު

ދިވެހި މަސްކަނޑުގެ ވަޒީފާތައް ބިދޭސީންނަށް ހުޅުވާލުމަކީ ގެއްލުމެއް

މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ)-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ދިވެހި މަސްކަނޑުގެ ވަޒީފާތައް ބިދޭސީންނަށް ހުޅުވާލުމަކީ ގައުމަށް ގެއްލުންހުރި ކަމެއް ކަމަށް މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހީމް ރަޝީދު (ބޮންޑޭ) ވިދާލުވެއްޖެ އެވެ.

ބޮންޑޭ މިހެން ވިދާޅުވެފައިމިވަނީ މަސް ދޯނިފަހަރުގައި ބިދޭސީ މަސައްކަތްތެރިން ގެންގުޅެން މިނިސްޓްރީ އޮފް ފިޝަރީޒް އިން އިއްޔެ ހުއްދަ ދޭން ނިންމުމާ ގުޅިގެންނެވެ. މިނިސްޓްރީން އެ ހުއްދަ ދީފައިވަނީ ސީދާ މަސްވެރިކަން ކުރުމުގައި ބިދޭސީންގެ ބައިވެރިވުން ނުހިމެނޭ ގޮތަށެވެ.

މިގޮތުން މަސްވެރިކަން ކުރާ އުޅަނދުފަހަރުގައި ހަރަކާތްތެރިވުމަށް ބިދޭސިންނަށް ހުއްދަ ދިނުމަށް ހަމަޖެހިފައި ވަނީ ކައްކާއެއް ނުވަތަ ދޯނި ފޮޅާ ސާފުކުރާ ނުވަތަ ބަލަހައްޓާ މީހެއްގެ ގޮތުގަ އެވެ.

މިކަމާ ގުޅިގެން ބޮންޑޭ ވިދާޅުވީ މިފަދަ ނިންމުމެއް ނިންމާފައިވަނީ މަސްދޯނީގައި "ކައްކާ ފޮޅާސާފުކުރާ ވަޒީފާ" ތަކަށްދާން ޝައުގުވެރިވާ ދިވެހިން ތިބިތޯ ވެސް ނުބަލައި އަދި މިކަމަށް ދިވެހިން ތަމްރީނުކުރުމެއް ވެސް ނެތި ކަމަށެވެ.

އެގޮތުން ދިވެހި މަސްކަނޑުގެ ވަޒީފާތައް ބިދޭސީންނަށް ހުޅުވާލުމަކީ "މަަސް ވުޒާރާގެ" ޒިންމާދާރުކަން ކުޑަ ގައުމަށް ގެއްލުންހުރި ނިންމުމެއް ކަމަށް ބޮންޑޭ ވިދާޅުވިއެވެ.

ފިޝަރީޒް މިނިސްޓްރީން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ މަސްވެރިކަމުގެ ގާނޫނުގެ ދަށުން ހަދާފައިވާ މަސްވެރިކަމުގެ އާންމު ގަވައިދުގެ 13 ވަނަ މާއްދާގެ ދަށުން މަސްވެރިކަން ކުރާ އުޅަނދުފަހަރުގައި ސަރުކާރުގެ ކަމާ ގުޅޭ އުސޫލުތަކާ އެއްގޮތަށް އެ އުޅަނދެއްގައި މަސައްކަތްކުރަން ހޯދާ ވޯކް ޕާމިޓެއްގެ ދަށުން ދެ ބިދޭސިންނަށް ހަރަކާތްތެރިވުމުގެ ފުރުސަތު ފަހިކޮށްދީފައިވާ ކަމަށެވެ.

އަދި ބިދޭސިންނަށް ހަރަކާތްތެރިވުމުގެ ހުއްދަ ދޭނީ ހަމަ އެކަނި އެކްސްޕޯޓު ކުރުމަށް ނުވަތަ އެކްސްޕޯޓުކުރާ ފަރާތަކަށް ވިއްކުމަށް މަސްވެރިކަން ކުރުމުގެ ލައިސަންސް ނަގައިގެން ދޮށީގެ ނުވަތަ ބޮޑުކަންނެލީގެ މަސްވެރިކަމުގައި ހަރަކާތްތެރިވާ އުޅަނދުފަހަރަށް ކަމަށް މިނިސްޓްރީ އިން ބުންޏެވެ.