Last Updated: April 23, 23:56
Tuesday, April 23, 2024
ޚަބަރު

ފަސް ޕަސެންޓަށް ވުރެ ޕޮޒިިޓިވް ރޭޓް މަތި ރަށްތައް އިއުލާންކޮށްފި

ކޮވިޑް-19 އަށް ޕޮޒިޓިވްވާ ރޭޓް ފަސް ޕަސެންޓަށް ވުރެ މަތި ރަށްރަށުގެ ލިސްޓެއް އެޗްޕީއޭ އިން އާންމުކޮށްފިއެވެ.

އެޗްޕީއޭ އިން ރޭ އާންމުކުރި ލިސްޓުގައި ހިމެނެނީ ވެރިރަށް މާލެ އާއި ބ.މާޅޮސް، ޅ.ނައިފަރު، ތ.ވޭމަންޑޫ، ކ.ހުރާ، ކ.ދިއްފުށީގެ އިތުރުން އދ.މާމިނގިލީ އެވެ.

ކޮވިޑް ވެކްސިންގެ ދެ ޑޯޒް ޖެހުމުން މިއަދުން ފެށިގެން ކަރަންޓީނު ނުވެ ރަށްރަށަށް ދެވޭ އުސޫލެއް އެޗްޕީއޭ އިން މިދިޔަ ހަފްތާގައި ވަނީ އާންމުކޮށްފަައެވެ.

އެގޮތުން އާބާދީގެ %60 މީހުންނަށް ކޮވިޑް-19 ގެ ވެކްސިން ގެ ޑޯޒްތައް ހަމަވެފައިވާނަމަ، އެ ރަށަކަށް
ކަރަންޓީނުވުމަކާ ނުލައި ދަތުރުކުރެވޭނެ ކަމަށާއި އަދި އާބާދީގެ %60 މީހުންނަށް ކޮވިޑް-19 ގެ ވެކްސިން ޑޯޒްތައް ހަމަވެފައިނުވާ ރަށްރަށަށް ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށް، ދެ ހަފްތާ ވެފައިވާ ފަރާތްތައް ކަރަންޓީނާ ނުލައި ދަތުރުކުރެވޭނެ ކަމަށެވެ.

އެޗްޕީއޭ އިން ވަނީ އެފަދަ ފަރާތްތައް ކަރަންޓީނާ ނުލައި ދަތުރުކުރުމަށް ހުއްދަދިނުމުގައި އަމަލު ކުރާނެ ގޮތްތައް ވެސް އާންމުކޮށްފަ އެވެ.

އެގޮތުން ރަށެއްގައި ބަލި އުޅޭ ނިސްބަތް ނުވަތަ ސާމްޕަލް ޕޮޒިޓިވިޓީ ރޭޓް ފަސް ޕަސެންޓަށް ވުރެ މަތި ރަށަކުން އެނޫން ރަށަކަށް ދަތުރުކުރާނަމަ، ދަތުރުކުރެވޭނީ ޕީސީއާރް ނެގެޓިވް ޓެސްޓާއެކު އެވެ. ވެކްސިން ޖެހުމަށް ޝަރުތު ހަމަނުވާ ކުދިން އެފަދަ ފަރާތްތަކާއެކު ދަތުރުކުރަން ޖެހޭނަމަ، ޕީސީއާރް ނެގެޓިވް ޓެސްޓާއެކު ދަތުރުކުރެވޭނެ އެވެ.

އަދި ފަތުރުވެރީން ހިމެނޭގޮތަށް، ރާއްޖެއަށް އެތެރެވާ ފަރާތްތަކުން ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށް، ދެ ހަފުތާ ވެފައިވާނަމަ، ތިރީގައި ބަޔާންކޮށްފައިވާ ފަރާތްތައް ފިޔަވައި، ރާއްޖެއަށް ދަތުރުކުރާއިރު ނެގެޓިވް ޕީ.ސީ.އާރު ޓެސްޓް އޮންނަން ނުޖެހޭނެ ކަމަށާއި ކަރަންޓީނުވާން ނުޖެހޭނެ ކަމަށްވެސް ބުނެފައިވެއެވެ.

ރާއްޖެ އެތެރެވުމަށްފަހު ޕީސީއާރު ޓެސްޓް ހަދަންޖެހޭ ފަރާތްތައް:

1 ޞިއްޙީ ޚިދުމަތްދޭ އެއްވެސް މަރުކަޒެއްގައި މަސައްކަތްކުރާ ފަރާތްތައް.
2 ޑޭކެއަރ ސެންޓަރުތަކުގައި މަސައްކަތް ކުރާ ފަރާތްތައް.
3 ސްކޫލުތަކުގައި މަސައްކަތްކުރާ ފަރާތްތައް.
4 ރެސިޑެންޝަލް ކެއަރގެ ޚިދުމަތްދޭ ތަނެއްގައި މަސައްކަތްކުރާ ފަރާތްތައް.