Last Updated: March 29, 13:51
Friday, March 29, 2024
ޚަބަރު

ވެރިކަން ކުރަން ނޭނގުމަކީ ނިޒާމު ބަދަލުކުރަންޖެހޭ ސަބަބެއް ނޫން

އާދަމް ޝަރީފް އުމަރު-- ފޮޓޯ: މަޖިލިސް

ވެރިކަން ކުރަން ނޭނގުމަކީ ވެރިކަމުގެ ނިޒާމު ބަދަލުކުރަންޖެހޭ ސަބަބެއް ނޫން ކަމަށް މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

ވެރިކަމުގެ ނިޒާމު ބަރުލަމާނީ އަށް ބަދަލުކޮށް ބޮޑުވަޒީރެއްގެ ގޮތުގައި ގައުމު ހިންގަން ބޭނުންފުޅުވާކަން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ވަނީ ދަންނަވާފައެވެ. މިކަމާ ގުޅިގެން ރައީސް ވަނީ ވެރިކަމުގެ ނިޒާމަށް ބަދަލެއް ގެނެވޭނީ ރައްޔިތުންގެ ވޯޓަކުން ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ވިދާޅުވެފައެވެ.

އާދަމް ޝަރީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ވެރިކަމަށް އަންނަ ބަޔަކަށް ވެރިކަން ކުރަން ނޭނގުމަކީ ވެރިކަމުގެ ނިޒާމު ބަދަލުކުރަންޖެހޭ ސަބަބެއް ނޫން ކަމަށާއި ބަދަލުކުރަން ޖެހޭނީ ވެރިކަން ކުރަން ތިބި މީހުން ކަމަށެވެ.

"އެކަން ވެސް ކުރަންވާނީ ރައްޔިތުންގެ ވޯޓަކުން. ވެރިކަމުގެ ނިޒާމާ ބެހޭ ގޮތުން އަޅުގަނޑު ތާއީދު ކުރަނީ ރައްޔިތުންގެ ނިންމުމަށް" އޭނާ ވިދާޅުވިއެވެ.

ރައީސް ސޯލިހަށް ނަޝީދު އިއްޔެ ފޮނުއްވި މެސެޖުގައި ވަނީ އަންނަ އަހަރު ފެބްރުއަރީ މަސް ތެރޭގައި ނިޒާމު ބަދަލުކޮށް މަޖިލީހުން ސަރުކާރު އެކުލަވާލުމަށް އެދިވަޑައިގެންފައެވެ. އަދި 2023 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބު ނުބޭއްވުމަށްވެސް ނަޝީދު ވަނީ އެދިވަޑައިގެންފައެވެ.

މީގެ އިތުރުން 2024 ވަނަ އަހަރު، ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ދާއިރު ގާނޫނުގައި ވާގޮތުގެ މަތިން ރައީސުލްޖުމްހޫރިއްޔާ ކަނޑައެޅުމަށްވެސް ވަނީ ހުށަހަޅާފައެވެ.

ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރަން ނަޝީދު އެދިވަޑައިގެންފައިވާއިރު، އެމަނިކުފާނަށް ތާއީދުކުރައްވާ ސަޕޯޓަރުން މިހާރު އަންނަނީ ބަރުލަމާނީ ނިޒާމު ގެންނަން ސޯޝަލް މީޑިއާގައި ކެމްޕެއިން ކުރަމުންނެވެ.