Last Updated: April 20, 19:35
Saturday, April 20, 2024
ޚަބަރު

ސަލްމާގެ މަރުގެ ބަދަލު ހޯދަން ކޯޓަށް ދަނީ

މިދިޔަ ފެބްރުއަރީ މަހު އޭޑީކޭ ގައި ވިހެއުމަށް ފަހު ނިޔާވި ސަލްމާ ނަސީރުގެ މަރުގެ މައްސަލައިގައި އޭޑީކޭ ހޮސްޕިޓަލް ގޮވައިގެން ކޯޓަށް ދާން އޭނާގެ ފިރިމީހާގެ ފަރާތުން ނިންމައިފިއެވެ.

ސަލްމާ ނިޔާވި މައްސަލަ ތަހުގީގުކޮށް، އޭނާގެ ފިރިމީހާއަށް ހެލްތު މިނިސްޓްރީން ފޮނުވި ތަހުގީގު ރިޕޯޓެއްގައި ބުނެފައި ވަނީ ވިހެއުމަށްފަހު ސަލްމާގެ ހަށިގަނޑުން ވަރަށް ގިނައިން ލޭ ބޭރުވި ނަމަވެސް އޭޑީކޭ ހޮސްޕިޓަލުން ލޭ އަޅައިފައި ވަނީ އޭނާ ވިހެއިތާ ތިން ގަޑިއިރު ފަހުން ކަމަށެވެ.

ނަމަވެސް އޭޑީކޭ އިން އިއްޔެ ވަނީ ސަލްމާ ގަޔަށް ލޭ އެޅުން މެދުކެނޑުމެއް ނެތި ކުރިއަށް ގެންގޮސްފައިވާނެ ކަމަށާއި އަދި ސަލްމާ އަށް ފަރުވާ ދިނުމަށް ހަރަކާތްތެރިވި މެޑިކަލް ޓީމުން ހުރިހާ ވަގުތެއްގައި ވެސް ދޭން ޖެހުނު ފަރުވާތައް ފަރުވާތެރިކަމާއެކު ދީފައިވާނެ ކަމަށް ބުނެފައެވެ.

އެކަމާ ގުޅިގެން ކުރީގެ ޕްރޮސިކިއުޓާ ޖެނެރަލް މުހުތާޒް މުހުސިން ބައެއް މީޑިއާތަކަށް ވިދާޅުވީ ސަލްމާ ނިޔާވުމުގައި އޭޑީކޭގެ އިހުމާލު އޮތް ކަމަށް ގަބޫލުކުރާ ކަމަށާއި ސަލްމާގެ މަރުގެ ބަދަލު ހޯދުމަށް ސިވިލް ކޯޓަށް މިހަފްތާގެ ތެރޭގައި ހުށަހަޅާނެ ކަމަށެވެ.

އަދި މިއީ އިހުމާލުގެ މައްސަލައެއް ކަމަށްވާތީ އެ މައްސަލަ ފުލުހުންނާއި މެޑިކަލް ކައުންސިލަށް ހުށަހަޅުއްވާނެ ކަމަށް ވެސް ވިދާޅުވި އެވެ. މި މައްސަލަ ކުރިއަށް ގެންދަނީ އެޑްވޮކަސީ ޗެމްބާސް ލޯފާމުންނެވެ.