Last Updated: April 19, 13:47
Friday, April 19, 2024
ޚަބަރު

މިޔަރުގެ މަސްވެރިކަމަށް ހުއްދަ ދޭކަށް ނޫޅެން: މިނިސްޓްރީ

ޒަހާ ވަހީދު - ފޮޓޯ: މަޖިލިސް

މިޔަރުގެ މަސްވެރިކަމަށް ހުއްދަ ދޭން ނޫޅޭ ކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެފިއެވެ.

ފިޝަރީޒް މިނިސްޓްރީން މިހެން ބުނެފައިވާއިރު މިޔަރުގެ މަސްވެރިކަމަކީ އިޤްތިސާދަށް ފައިދާކުރާނެ ކަމެއް ކަމަށާއި، މިޔަރުގެ މަސްވެރިކަން ކުރުމަށް ހުއްދަ ދިނުމާއި ގުޅޭގޮތުން މަޝްވަރާކުރެވެމުންދާ ކަމަށް ފިޝަރީޒް މިނިސްޓަރު ޒަހާ ވަޙީދު ދާދިފަހުން ވަނީ ވިދާޅުވެފައެވެ.

މިނިސްޓަރު ދެއްކެވި ވާހަކަތައް ސާފުކޮށްދިނުމަށް މިނިސްޓްރީން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ މަޝްވަރާ ކުރެވުމުން ދަނީ މިޔަރުގެ ސަބަބުން ކަންނެލީގެ މަސްވެރިކަމަށް ކުރަމުންދާ އަސަރުތަކާ ގުޅޭ ގޮތުން ކަމަށެވެ. އަދި ކަންނެލީގެ މަސްވެރިކަން ކުރަމުންދާ އިރު، މިޔަރު ބޭނިދާނެ ހާލަތްތަކާ ގުޅޭ ގޮތުން އެ މިނިސްޓްރީގައި ފުޅާ ދާއިރާއެއްގައި މަޝްވަރާ ކޮށްފައިވާ ކަމަށް މިނިސްޓްރީން ބުނެއެވެ.

އެގޮތުން އެ މަޝްވަރާތަކަކީ އެއްވެސް ހާލަތެއްގަައި މިޔަރު މަސްވެރިކަމަށް ހުއްދަ ދޫކުރަން އަމާޒުކޮށްގެން ކުރެވުނު މަޝްވަރާތަކެއް ނޫން ކަމަށް މިނިސްޓްރީން ބުނެއެވެ.

މިނިސްޓްރީން މިގޮތަށް ބުނިއިރު ރާއްޖޭގައި މިޔަރުގެ މަސްވެރިކަން މަނާކޮށްފައި އޮތް އޮތުން ބާތިލު ނުކުރުމަށް ރާއްޖޭގެ 55 ފަރާތަކާއި ބައިނަލްއަގްވާމީ 57 ފަރާތެއް ހިމެނޭހެން އެކުލަވާފައިވާ ތިމާވެށި ހިމާޔަތްކުރަން މަސައްކަތްކުރާ ޖަމިއްޔާތަކުން ދާދިފަހުން ވަނީ ގޮވާލާފައެވެ.

ރާއްޖޭގައި މިޔަރުގެ މަސްވެރިކަން ފެށީ 1970 ގެ އަހަރުތަކު ތެރޭގައި ކަމަށްވާއިރު 2010 ވަނަ އަހަރުން ފެށިގެން ރާއްޖޭގެ އިގްތިސާދީ ސަރަހައްދުން މިޔަރުގެ މަސްވެރިކަން ކުރުން އޮންނަނީ މަނާކޮށްފައެވެ.