Last Updated: April 23, 14:49
Tuesday, April 23, 2024
ޚަބަރު

މަންދު ކޮލެޖަށް 15 މިލިއަން ރުފިޔާ ދޭތީ އާޒިމްގެ ނުރުހުން

އަލީ އާޒިމް - ފޮޓޯ: މަޖިލިސް

މަންދު ކޮލެޖަށް 15 މިލިއަން ރުފިޔާ ދިނުމަށް ދައުލަތުން އެއްބަސްވުމުން، އެމްޑީޕީގެ ޕީޖީ ގުރޫޕްގެ ލީޑަރު އަލީ އާޒިމް ނުރުހުން ފާޅުކުރައްވައިފިއެވެ.

މަންދު ކޮލެޖަށް 15 މިލިއަން ރުފިޔާ ދޭން ދައުލަތުން އެއްބަސްވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ކުރީގެ އެމްއީއެސް ހިންގި އިމާރާތުގައި ހިންގަމުން ދިޔަ މަންދު ކޮލެޖު އަތުން އެތަން އަތުލުމުން ބަދަލެއްގެ ގޮތުންނެވެ.

އެކަމާ ގުޅިގެން އާޒިމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައްޔިތު މީހާ އަނގަޔާއި އަތާ ދިމާނުވާ ކަމަށާއި ނަމަވެސް ބޮޑުންނަށް މިލިއަން ފައިސާ ލިބެމުންދާ ކަމަށެވެ.

މަންދު ކޮލެޖުގެ ޗެއާމަނަކީ އެމްޑީޕީގެ ފުރަތަމަ ރައީސް އިބްރާހިމް އިސްމާއީލް (އިބްރާ) އެވެ. އިބްރާ އަންނަނީ މިފަހަކަށް އައިސް އެމްޑީޕީގެ އިސް ފަރާތްތަކަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުންނެވެ.

ޔާމީންގެ ސަރުކާރުގައި މަންދު ކޮލެޖު އަތުން އެމްއީއެސް އިމާރާތް ނެގީ 2015ވަނަ އަހަރުގެ ޖެނުއަރީ މަސް ތެރޭގައެވެ. އޭރު އެޑިއުކޭޝަން މިނިސްޓްރީން ބުނީ އެމްއީއެސް ހިންގަމުން އައީ އެތަނުގެ ވެރިންނާ އެޑިއުކޭޝަން މިނިސްޓްރީއާ ދެމެދު ވެފައިވާ އެއްބަސްވުމެއްގެ ދަށުން ކަމަށެވެ.

މިކަމާ ގުޅިގެން މަންދު ކޮލެޖް ހިންގާ މާލެ ހައި ޕްރައިވެޓް ލިމިޓެޑުން ވަނީ އެ އިމާރާތުން ބޭރުކޮށްލުމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލެއްގެ ގޮތުން 18 މިލިއަން ރުފިޔާ ހޯދުމަށް ދައުވާކޮށްފައެވެ. އެގޮތުން ޑިސްޕިއުޓް ރިޒޮލިއުޝަން މަރުހަލާގައި ދައުލަތުން ވަނީ އޭގެތެރެއިން 15 މިލިއަން ރުފިޔާ ދެއްކުމަށް އެއްބަސްވެފައެވެ. ދައުލަތުން އެއްބަސްވެފައި ވަނީ އެއް މަސް ދުވަހުގެ ތެރޭގައި އެ ފައިސާ ދެއްކުމަށެވެ.

މީގެކުރިން ވެސް މިގޮތަށް އުވާލާފައިވާ އެއްބަސްވުންތަކާއި ގުޅިގެން އެކި ފަރާތްތަކުން ގެއްލުމުގެ ބަދަލު ހޯދަން ދައުވާކުރުމުން ދައުލަތުން ވަނީ އެތައް ބިލިއަން ރުފިޔާއެއް ދީފައެވެ.