Last Updated: March 28, 18:00
Thursday, March 28, 2024
ޚަބަރު

މާލޭގެ މަގުތައް އަމާން ތަނަކަށް ހެދުމަށް އިސްކަންދޭނަން: މުއިއްޒު

ޑރ.މުހައްމަދު މުއިއްޒު - ފޮޓޯ: ޕީޕީއެމް

މާލޭގެ މަގުމައްޗަކީ އަމާންތަނަކަށް ހެދުމަށް އިސްކަން ދެއްވާނެ ކަމަށް މާލޭގެ އިންތިހާބީ މޭޔަރު ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މުއިއްޒު މިހެން ވިދާޅުވެފައިމިވަނީ ދެ ފިރިހެނަކު މާލޭގެ މަގެއްގެ މަތިން ހިނގާފައި ދިޔަ އަންހެނަކު ޖަހަގަނެގެން ގެންގޮސް ރޭޕްކުރަން އުޅުނު މައްސަލައެއް ފެންމަތިވެ އެކަމުގެ ކަންބޮޑުވުން އާންމުން ކުރަމުންދާ ދަނޑިވަޅެއްގައެވެ.

މުއިއްޒު މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މާލޭގެ މަގުމައްޗަކީ އަމާން މަގުތަކަކަށް ހެދުމަށް ވަރަށް އިސްކަންދެއްވާނެ ކަމަށެވެ. އެގޮތުން ކަމާބެހޭ އެންމެހައި ފަރާތްތަކާ ގުޅިގެން، ހާއްސަ މަސައްކަތްތަކެއް ކުރުމަކީ ސިޓީ ކައުންސިލުން އިސްކަންދޭނެ ކަމެއް ކަމަށް ހައްދަވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

ހުކުރު ދުވަހުގެ ރޭގެ ވަގުތެއްގައި ހިނގިކަމަށް ރިޕޯޓްކޮށްފައިވާ މި ރޭޕްގެ މައްސަލައިގައި ހައްޔަރު ކޮށްފައިވަނީ 23 އަހަރުގެ ފިރިހެނަކާއި 18 އަހަރުގެ ފިރިހެނެއް ކަމަށް ފުލުހުން މައުލޫމާތުދެއެވެ. އެ މީހުންގެ ބަންދަށް ފުރަތަމަ ޖެހީ ފަސް ދުވަހެވެ.

ނަމަވެސް އެ ފަސް ދުވަސް މިއަދަށް ހަމަވުމުން ބަންދުގެ މުއްދަތު އިތުރުކުރަން ކޯޓަށް ގެންދިޔުމުން ވަނީ އިތުރު 10 ދުވަސް ދީފައެވެ.

މި މައްސަލައިގައި ހައްޔަރު ކޮށްފައިވާ ދެމީހުންނަކީ ވެސް ކުށުގެ ރިކޯޑް އޮންނަ ދެމީހުން ކަމަށް ފުލުހުން ހާމަކުރެއެވެ.