Last Updated: March 29, 11:09
Friday, March 29, 2024
ޚަބަރު

ތިން އަހަރުގެ ކުއްޖާއަށް ޖިންސީ ގޯނާކުރި ދިވެއްސަކު ހައްޔަރުކޮށްފި

ތިން އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައާ ގުޅިގެން މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން މިރޭ 8:55 ހާއިރު ހައްޔަރުކޮށްފައިވަނީ އުމުރުން 24 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.

ފުލުހުން މިއަދު ބުނީ އުމުރުން ތިން އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާ ކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ފުލުހުންގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަންގެ ކްރައިމްސް އެގެއިންސްޓް ޗިލްޑްރެން ޑިޕާޓުމެންޓުން ބަލަމުންދާ ކަމަށެވެ.

އަދި އެ ކުއްޖާއަށް އަނިޔާއެއް ލިބިފައިވޭތޯ ބެލުމަށް ޑޮކްޓަރަށް ދައްކައި، ނަފްސާނީ ގޮތުން އަސަރުކޮށްފައިވޭތޯ ބެލުމަށް ސައިކޮލޮޖިސްޓަކަށް ދެއްކި ކަމަށާއި އަދި އެކަމާ ގުޅޭ ރިޕޯޓުތައް ތައްޔާރު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

އެ މައްސަލައަކީ ސީރިއަސް މައްސަލައެއް ކަމުން ހެއްކާއި ގަރީނާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި، އެ މައްސަލައާ ގުޅިގެން އަޅަން ޖެހޭ ފިޔަވަޅުތައް އަޅަމުންގެންދާނެ ކަމުގެ ޔަގީންކަން ދޭ ކަމަށް ފުލުހުން ބުންޏެވެ.